12 Oct 2015, 15:36
ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްތައް މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީތަކަށް ފޮނުވައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަލައިގެންފައިވަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ގާނޫނެވެ. އެގޮތުން ތިން ބިލުވެސް ކޮމިޓީތަކަށް ފޮނުވާފައިވަނީ ވޯޓުލީ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާގުޅޭ އައު އުސޫލުތަކެއް ޤާއިމުކުރުމާއި، ބޭރުގެ ފަރާތްތަކުގެ އުޅަނދުތަކާއި، ބޭރު ޤައުމުތަކުގައި ރަޖިސްޓަރީކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވޭނެ އައު އުސޫލުތައް ޤާއިމުކުރުމަށާއި، ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމަށްޓަކައި އެކަންކަމާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ކަމާބެހޭ މިނިސްޓްރީއަށް ލިބިދިނުމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. އެ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގައި ހިމެނޭ ވަޒީރުންގެ ބަދަލުގައި ބައެއް ވުޒާރާތަކުން، މިނިސްޓަރ ފޯ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަޤާމެއްގައި ހުރި ފަރާތެއް ޢައްޔަންކުރެވޭ ގޮތަށް ކައުންސިލް އެކުލެވިގެންވާގޮތް ބަދަލުކުރުމަށް އެ ބިލުގައި ވަނީ ބުނެފައެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ކުޑަކުދިން ނުވަތަ ބަލި މީހުން ބަލަހައްޓައި ދިނުމަށް ހުންނަ ޑޭކެއާ ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހެދުމަށެވެ.