މަތިންދާބޯޓެއްގެ ކޮކްޕިޓް ހިމެނޭ ބައެއް ފިލިޕީންސްގެ މީހަކަށް ފެނިގެން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މެލޭޝިއާގެ ދަ ސްޓާ ނޫހުން ބުނީ ފިލިޕީންސްގެ ސުގްބޭ ނަމަކަށް ކިޔާ ޖަޒީރާއިން އައި އާއިލާގެ މީހަކަށް މަތިންދާބޯޓެއްގެ ބަޔަކާއި އިންސާނުންގެ ކަށިތަކެއް ފެނުނު ކަމަށް ބުނާތީ ސަންޑާކަންގެ މީހަކު އެ ރަށުގެ ފުލުހުންގެ އިދާރާއަށް އެކަން އަންގާފައިވާ ކަމަށެވެ.

މަތިންދާބޯޓްގެ ބައިތައް ފެނުކަމަށް ބުނާ މީހާ ބުނެފައި ވަނީ އޭނާ އަށް ފެނުނު ބައިތަކުގެ ތެރޭގައި 'މަތިންދާބޯޓެއްގެ ކޮކްޕިޓް ހިމެނޭ ކަމަށާއި ކޮކްޕިޓް ތެރޭގައި އިންސާނެއްގެ ކަށިގަނޑެއް އިން ކަމަށާއި ކަށިގަނޑުގައި ސީޓްބެލްޓް އަޅައި ބާރުކޮށްގެން' ކަމަށެވެ.

އަދި އެބައިތަކުގެ ތެރެއިން މެލޭޝިއާގެ ދިދައެއް ވެސް ފެނުނު ކަމަށް އެމީހާ ވަނީ ބުނެފަ އެވެ.

މެލޭޝިއާ ފުލުހުން މިހާރު ވަނީ އެވާހަކަތަކުގެ ހަގީގަތް ބެލުމަށް ފިލިޕީންސް ފުލުހުންގެ އެހީތެރިކަމަށް އެދިފަ އެވެ.

މެލޭޝިއާ ފުލުހުންގެ އިންޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޚާލިދު އަބޫ ބަކުރު ވިދާޅުވި ކަމަށް ދަ ސްޓާ ނޫހުން ބުނީ ތިމާގެ މީހަކަށް މަތިންދާބޯޓެއްގެ ބައިތަކެއް ފެނުނުކަމަށް ބުނެ 46 އަހަރުގެ މީހަކު ކޮށްފައިވާ ރިޕޯޓްގެ ހަގީގަތް ބެލުމަށް ފިލިޕީންސް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

މަތިންދާބޯޓެއްގެ ބައިތަކެއް ފެނުނުކަމަށް ބުނާ މީހާ ލަފާކުރާ ގޮތުގައި އެބައިތަކަކީ މީގެ އެއް އަހަރު ކުރިން ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370ގެ ބައިތަކެކެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.