12 Oct 2015, 14:51
ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްދަލު ކުރެއްވީ "އެމަނިކުފާނަށް ދިމާވި" ކަންތައްތަކާ ގުޅޭ ގޮތުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.
"އެމަނިކުފާނަށް ދިމާވި" ކަންތައްތައް ކަމަށް ނިހާން އިޝާރާތް ކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ހިނގި ހާދިސާއާ ގުޅޭ ގޮތުންނެވެ.
ނިހާން ވިދާޅުވީ އެ ބައްދަލުވުން ބޭއްވީ އެކިއެކި ފަރާތްތަކުގެ ބޮލުގައި އިލްޒާމް އަޅުވައިގެން ދައްކާ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މެމްބަރުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމަށްފަހު ގާސިމް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ ބައްދަލުވުމުގައި ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުނުތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.
"ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާ ވެސް އެއްކޮށް ރައްޔިތުންނާވެސް އެއްކޮށް،" ގާސިމް
ދެ ގަޑިއިރަށް ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު މުލިއާގެއިން ނުކުމެވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީ ސަރުކާރާއި ރައްޔިތުންނާ އެކު ކަމަށެވެ. ހަމައެހެންމެ ގާނޫނީ އިމުގެ ތެރެއިން ކުރެވޭ ކޮންމެކަމަކާ އެކު އެޕާޓީ އޮތްކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމަށްފަހު ޕީޕީއެމްގެ މެމްބަރުން މުލިއާގެއިން ނުކުމެވަޑައިގަންނަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ގާސިމް ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ރައީސް ޔާމީނަށް ދެވެން ހުރި މައުލޫމާތުތައް މިއަދު ހިއްސާ ކުރެއްވި ކަމަށެވެ.
"އެއީ ތަހުގީގީ މަރުހަލާގަ އޮތް މައްސަލައަކަށްވާތީ އެއާބެހޭގޮތުން އިތުރު ވާހަކައެއް ދައްކާކަށް އަޅުގަނޑުނެތިން،" ގާސިމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށާއި އަދި ލޯންޗުކޮޅިގެ ހާދިސާއާ ގުޅިގެން ވަކި ބޭފުޅަކަށް ތުހުމަތުގެ އިނގިލި ދިގުނުކުރުމަށް ރައީސް އެދިވަޑައިގަތް ކަމަށް ގާސިމް ވިދާޅުވިއެވެ.