28 Mar 2011, 16:08
ޖޫޑީޝަލް ސާވިސް ކޮމިޝަނާ ބެހޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ ކަމަށް އެ ކޮމިޓީގެ މުގައްރިރު، ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
އެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުޖުތާޒު މިއަދު ވިދާޅުވީ، ޖޭއެސްސީގެ މައްސަލަތަކާ ބެހޭ ގޮތުން އެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ކުޑަ ކޮމިޓީއެއް އެކުލަވާލައި ސިއްރު ކޮމިޓީއެއްގެ ގޮތުގައި ކުޑަ ކޮމިޓީގައި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ކުޑަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އަޅުގަނޑު (މުޖުތާޒު) އާއި ބިލެތްދޫ ދާއިރާގެ އަހްމަދު ހަމްޒާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު. އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ދަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި މަޖިލީހުގެ މުވައްޒިފުންގެ ތެރެއިން ވެސް އެ ކޮމިޓީ އަށް ވަދެވޭނީ ހަމައެކަނި އެކަމަށް ކަނޑައަޅާފައިވާ ދެ މުވައްޒިފުންނަށް އެކަނި،" މުޖުތާޒު ވިދާޅުވި އެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ސަރުކާރުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލް އަނބުރާ ފޮނުވާލެއްވި ސަބަބުގެ މައްޗަށް ވެސް މުޖުތާޒު ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ އެ ބިލު އަލުން ޑްރާފްޓް ކުރުމަށް ފޮނުވައިލެއްވީ އެ ބިލުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށެވެ.
"ކޮމިޓީ އަށް އެ ބިލު ފޮނުވާފައި ވަނީ 10 ނޮވެމްބަރު 2009ގައި. ބިލުގެ ފުރަތަމަ މަރުހަލާގައި ވެސް ބޮޑެތި މައްސަލަތަކެއް ކުރިކަން މެންބަރުންނަށް ފާހަގަ ކުރެވުނު. ބިލް ރަނގަޅަށް ބެލުމުން އެނގުނީ އެއީ މެލޭޝިޔާގެ އެވިޑެންސް އެކްޓް އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެއްކަން. ނަމަވެސް އޭގެ އިނގިރޭސި ތަރުޖަމާއާ ދިމަލެއްނުވޭ. އަދި ބިލުގައި ބުނާ އެއްޗެއް މެންބަރުންނަކަށް ނޭނގޭ. އެގޮތުން އިސްލާހް ކުރުމަށް ވުރެ ބޮޑެތި މައްސަލަތަކެއް ބިލުގައި ހުރި،" މުޖުތާޒު ވިދާޅުވި އެވެ.
ނާ ވިދާޅުވީ ބިލް އަލުން ޑްރާފްޓް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވައިލެއްވީ 18 ޖެނުއަރީ 2011 ގައި ކަމަށެވެ.
މުޖުތާޒު ވިދާޅުވީ، އެ ބިލު ކޮމިޓީން ބެލުމަށް އެ ހާދިގު މުއްދަތެއް ނެގީ އެވަގުތު މުހިއްމު ބިލުތަކެއް އެއްފަހަރާ ކޮމިޓީއަށް ހުށަހެޅުމުން ކަމަށެވެ. އޭގެ ތެރެއިން ކޯޓުތަކުގެ ބިލާއި ފަނޑިޔާރުންގެ ބިލްގެ މަސައްކަތް ނިންމައި މިހާރު ގާނޫނަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބިލާއި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދާ ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.