ރަޝިޔާއާ ގުޅިގެން ސޫރިޔާއަށް ސިޔާސީ ހައްލެން ހޯދަން މަސައްކަތް ކުރުމަށް ސަޢުދީ ޢަރަބިއްޔާ އިން އެއްބަސްވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން އިއްޔެ ބުނީ ދެގައުމުން އެކަމަށް އެއްބަސްވީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ބިން ސަލްމާން އަލް ސައުދާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ރަޝިޔާގެ ސޯޗީ ނަމަކަށް ކިޔާ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ޕުޓިން އާއި މުޙައްމަދު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން މީޑީއާއަށް މައުލޫމާތު ދެމުން ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ބުނި ކަމަށް ނޫހުން ބުނީ ސޫރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް އަޅާނެ 'އަމަލުކުރެވޭ ފަދަ' ފިޔަވަޅުތަކަކަކާ ބެހޭ ގޮތުން ދެފަރާތުން މަޝްވަރާ ކުރި ކަމަށެވެ.

"...ސޫރިޔާގައި ޓެރަރިސްޓް ޚިލާފަތަކަށް ބާރު ލިބުނަ ނުދިނުމުގެ މުހިއްމުކަން ވެސް އެމީހުން [ޕުޓިންއާއި މުޙައްމަދު] ފާހަގަކުރި،" ލަވްރޯފް ބުނި ކަމަށް ނޫހުގައިވެ އެވެ.

ރަޝިޔާއިން ސޫރިޔާގައި ހަމަލާ ދެމުން ގެންދަނީ ހަމަ އެކަނި ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކަން ޕުޓިން ވަނީ ސައުދީ ޑިފެންސް މިނިސްޓަރަށް ކަށަވަރުކޮށްދީފަ އެވެ.

ރަޝިޔާއާއި ސަޢުދީ ޢަރަބިއްޔާގެ އިސްވެރިންގެ މިފަދަ ބައްދަލުވުމެއް ބާއްވާފައި މިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށް އެގައުމުގެ އިދިކޮޅު ޖަމާއަތްތަކާ ދެކޮޅަށް ރަޝިޔާއިން ބޮން އަޅަން ފެށިތާ ދެހަފްތާއެއްހާ ދުވަސް ވެފައި ވަނިކޮށެވެ.