12 Oct 2015, 14:27
ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އެގޮތަށް ނިންމާފައި ވަނީ ވޯޓުލީ 64 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ ވޯޓާއެކު އެވެ. އެގޮތުން ކޮމިޓީން ނިންމިގޮތާ ދެކޮޅަށް ވޯޓު ލާފައި ވަނީ 17 މެމްބަރެކެވެ.
މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ މޭޔަރުންނަށް މިހާރު ދެމުން އަންނަ 30،000 ރުފިޔާގެ އަސާސީ މުސާރަ 15،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު މޭޔަރަކަށް ލިބޭ 15،000 ރުފިޔާ އިން 3،000 ރުފިޔާ އަށް ކުޑަ ކުރަން ވެސް ވަނީ ނިންމާފަ އެވެ.
ކާރު އެލަވަންސްގެ ގޮތުގައި މޭޔަރުންނަށް 7،500 ރުފިޔާ ލިބެ އެވެ.
ޑެޕިއުޓީ މޭޔަރުންގެ މުސާރަ ވަނީ 27،000 ރުފިޔާ އިން 12،000 ރުފިޔާ އަށް ކުޑަ ކުރަން ނިންމާފަ އެވެ. މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ލިވިން އެލަވަންސްގެ ގޮތުގައި ޑެޕިއުޓީ މޭޔަރުންނަށް ދެމުން ގެންދާ 8،000 ރުފިޔާ ވަނީ 2،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ.
ސިޓީ ކައުންސިލްތަކުގެ މެމްބަރުން އަސާސީ މުސާރަ ކުޑަކޮށްފައި ވަނީ 19،000 ރުފިޔާ އިން 10،000 ރުފިޔާ އަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް ލިބޭ 6،000 ރުފިޔާ ވަނީ 1،500 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.
ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އެ ކައުންސިލްތަކުން ދެމުން ގެންދާ ބައެއް ހިދުމަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނިކޮށެވެ. މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ފިޔަވައި ދެން ތިއްބެވި މެމްބަރުންނަކީ އެމްޑީޕީގެ ކައުންސިލަރުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި އެ ކައުންސިލަށް ހޮވިފައިވާ މެމްބަރުންނެވެ.