28 Mar 2011, 15:15
ސަރުކާރުން ކުރާ ކަންތައްތައް ބަލައި ޒިންމާދާރުކުރުމަށްޓަކައި އެމްޑީޕީގައި އޮންނަން ޖެހޭ ކޮމިޓީތައް އެ ޕާޓީ ވެރިކަމަށް އައިފަހުން މިއަދާ ހަމައަށް ވެސް އުފައްދާފައި ނުވާކަމަށް ކުރީގެ ފިޝަރީޒު މިނިސްޓަރު ޑރ. އިބުރާހީމްދީދީ [ޑރ. ޑީޑީ] މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކުރާކަންތައްތައް ބެލުމަށްޓަކައި ދާއިމީ ކޮމެޓީތަކެއް އުފެއްދުމަކީ އެ ޕާޓީގެ އަސާސީ ޤަވާއިދު ލާޒިމްކުރާކަމެއް ކަމަށެވެ.
"ސަރުކާރުގެ ކޮންމެ ވުޒާރާއަކާ ގުޅޭ ދާއިމީ ކޮމެޓީއެއް އެމްޑީޕީގެ އެތެރޭގައި އޮންނަން ޖެހޭ، އެ ކޮމެޓީތަކުގެ ބޭނުމަކީ ސަރުކާރުން ކުރާ ކަންތައްތައް ބަލައި އާއްމު މެމްބަރުންނަށް ޖަވާބުދާރީވުން. މިސާލަކަށް ސިއްޙަތާ ބެހޭ ކޮމެޓީ، ދަތުރުފަތުރާ ބެހޭ ކޮމެޓީ،" އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހީމް އިސްމާޢީލްގެ ރިޔާސަތުގައި ޕާޓީގެ ދާއިމީ ކޮމެޓީތައް ވަރަށް ރަނގަޅަށް ހިނގަމުން ގޮސްފައިވެ އެވެ. ނަމަވެސް އެމްޑީޕީ ވެރިކަމަށް އައިފަހުން އެފަދަ ކޮމެޓީތައް އުފައްދާފައި ނުވާތީ ސަރުކާރުން ކުރަމުންދާ ކަންތައްތައް ޕާޓީގެ ޢާއްމު މެމްބަރުންނަށް މިހާރު ބެލޭނެ އެއްވެސް މެކޭނިޒަމެއް ނެތް ކަމަށެވެ.
ސަރުކާރުން ކުރާ ކަންތައްތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް ކޮންމެ މެމްބަރަކު ވަޒީރުންނާ ބައްދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުގައި މެމްބަރުން ދާން އޮންނަ ތަނަކީ ކޮމެޓީތައް ކަން ޑރ. ޑީޑީ ފާހަގަކުރެއްވި އެވެ. އެމްޑީޕީގެ ސިއްޙަތާ ބެހޭ ކޮމެޓީގެ މުޤައްރިރުކަން ކުރިން ކުރައްވާފައިވާ ޑރ. ޑީޑީ ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމަށް އައިފަހުން ޕާޓީގެ އާއްމު މެމްބަރުންނާއި ލީޑަޝިޕާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.