ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިވިލް ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.

މިއަދު 11:00 އަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށްދޭން އަމުރުކޮށްފައި ވަނީ އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު އާއިލާގެ ބޭފުޅުންނަށް ދީފައިނުވާތީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތަށެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ވިދާޅުވީ ސިވިލް ކޯޓަށް ރައީސް ނަޝީދު ހާޒިރުކުރަން އަމުރު ލިބުނު ގަޑިއާއި ކޯޓަށް ހާޒިރުކުރަން ޖެހޭ ގަޑިއާ ދެމެދު އޮތީ އެއްގަޑިއިރު ކަމަށެވެ.

ރައީސް ނަޝީދަކީ އެހެން ރަށެއްގައި ހުންނަވާ ބޭފުޅަކަށް ވާތީ އެކަށީގެންވާ ވަގުތު ލިބިފައިނުވާތީ އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް މިއަދު ސިވިލް ކޯޓަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށްނުދެވޭތީ މިއަދަށް ތާވަލްކުރި އެ މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.