އަފްޣާނިސްތާނުގައި ދަ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އިން ކުރިއަށް ގެންދިޔަ ބައިނަލްއަގުވާމީ ސަޕޯޓް މިޝަންއެއްގެ ތެރޭގައި ބްރިޓިޝް މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓި ނޭޓޯގެ ފަސް މީހަކު މަރުވެއްޖެ އެވެ.

ބޭރު ނޫހެއް ކަމަށްވާ "ރޮއިޓާސް" އިން ބުނި ގޮތުގައި އަފްޣާނިސްތާނުގެ ވެރި ރަށް ކަބުލްގައި އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި ފަސް މީހަކު މަރުވެފައިވާ އިރު ފަސް މީހަކަށް ބޮޑެތި ޒަހަމްތަކެއް ވެސް ވެފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވި އަދި އަނިޔާވި މީހުންނަކީ ކޮން ނޭޝަނަލިޓީއެއްގެ ބައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ބްރިޓަންގެ މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކުރި ގޮތުގައި އެ ހެލިކޮޕްޓަރުގައި ތިބި ދެ އެއާފޯސް މީހުން ވަނީ އެ ހެލިކޮޕްޓަރު ޖެއްސުމަށް އުޅެނިކޮށް ވެއްޓި މަރުވެފައި ކަމަށެވެ.

"ޑިޕާޓްމެންޓްތަކުންނާއި ފުލުހުން ދަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން. ނަމަވެސް އެނގޭ ކަމަކީ އެ ހާދިސާއަކީ އެކްސިޑެންޓެއްގެ ސަބަބުން ހިނގި ކަމެއް ކަން. ބަޔަކު ގަސްދުގައި ކުރި ކަމެއް ނޫން މިއަކީ،" މިނިސްޓްރީން ބުންޏެވެ.

ނޭޓޯ އިން އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ ކޮމްބެޓް މިޝަން މިހާރު ނިންމާލި ނަމަވެސް 12،000 އެއްހާ ޓްރޫޕް އަދި ވެސް އެގައުމުގައި މަޑުކޮށްފައިވާ ކަމަށް ރޮއުޓާސް އިން ބުންޏެވެ.