12 Oct 2015, 14:25
ޔޫރޯ ކޮލިފިކޭޝަން ގައި ރޭ ކުޅުނު މެޗްތަށް ކާމިޔާބު ކޮށް ޖަރުމަންއާއި ޕޮލޭންޑާއި ރުމޭނިއާ އަންނަ އަހަރު ފްރާންސް ގައި ބާއްވާ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރެ ފުޓްބޯޅަ މުބާރާތް ޔޫރޯ 2016 އިން ޖާގަ ހޯދިއިރު އަލްބޭނިއާ ވެސް ފުރަތަމަ ފަހަރަށް އެ މުބާރާތައް ކޮލިފައި ވެއްޖެއެވެ.
ގްރޫޕް ޑީ ގައި ހިމެނޭ ޖަރުމަން ކޮލިފައިވީ ރޭ ޖޯޖިއާއާ ދެކޮޅަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ 22 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ޔޫރޯ ކޮލިފިކޭޝަން ގައި ރޭ ޖަރުމަނާ ޖޯޖިއާ ބައްދަލު ކުރިމެޗްގައި ޖަރުމަން ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ޖަރުމަންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗްގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ ލިބުނު ޕެނެލްޓީއެއްގައި ތޯމަސް މުލާއެވެ. ޖޯޖިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖަރުމަނުން ލަނޑު ޖެހިތާ ތިން މިނެޓް ފަހުން 53 ވަނަ މިނެޓް ގައި އެ ޓީމްގެ ކަންކާވާއެވެ.
ދެ ވަނަ ފަހަރަށް ޖަރުމަނަށް ލީޑް ނަގައިދީ ޔޫރޯ އަށް ކޮލިފައިވި ގޯލް މެޗްގެ 79 ވަނަ މިނެޓްގައި ކާމިޔާބް ކުރީ މެކްސް ކުރޫސް އެވެ.
ޖަރުމަންގެ ފަހަތުން ގްރޫޕް 'ޑީ' ގެ ދެވަނަ ޓީމުގެ ގޮތުގައި 21 ޕޮއިންޓާއެކު ޕޮލޭންޑް ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ރޭ ޕޮލޭންޑްގެ ދަނޑުގައި އަޔަލޭންޑްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
އެ މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑުނެގީ ޕޮލެންޑުންނެވެ. މި ގޯލް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ކްރިޗޮވިއަކްއެވެ. ނަމަވެސް އޭގެ 3 މިނެޓްފަހުން އަޔަލޭންޑަށް ލިބުނު ޕެނަލްޓީއަކުން، ޖޮނަތަން ވޮލްޓާސް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޕޮލެންޑަށް ދެވަނަ ފަހަރަށް ލީޑުނަގައިދިނީ، މެޗުގެ 42 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް ރޮބަޓް ލެވެންޑޮސްކީއެވެ.
އަށާރަ ޕޮއިންޓް ހޯދި އަޔަލެންޑަށް ތިން ވަނަ ލިބުނުއިރު އެ ޓީމަށް ޔޫރޯގެ ޖާގައެއް ކަށަވަރުވާނީ ޕްލޭއޮފް މެޗުން މޮޅުވެގެންނެވެ.
ކޮލިފިކޭޝަންގައި ރޭ ގްރޫޕް 'އައި' ގައި އަލްބޭނިއާ 3-0 ގެ ނަތީޖާ އަކުން އަރްމީނިއާގެ މައްޗަށް ކުރި ހޯދައިގެން 14 ޕޮއިންޓާ އެކު ގްރޫޕްގެ ދެ ވަނަ ޓީމްގެ ގޮތުގައި ވަނީ ފުރަތަމަ ފަހަރަށް ޔޫރޯ މުބާރާތުން ޖާގައެއް ހޯދައިފައެވެ.
އަރްމީނިއާގެ ދަނޑުގައި ކުޅުނު އެ މެޗްގެ ނުވަ ވަނަ މިނެޓް ގައި އަރްމޭނިއާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑުން އަލްބެނިއާއަށް ވަނީ ލީޑް ލިބިފައެވެ. އެ މެޗްގެ 24 ވަނަ މިނެޓްގައި އަލްބޭނިއާގެ މެމެޝާޖް ވަނީ އެ ޓީމްގެ ދެ ވަނަ ގޯލް ކާމިޔާބް ކޮށްދީފައެވެ. އަދި 76 ވަނަ މިނެޓްގައި ސަޑިކޫ ވަނީ އެ ޓީމަށް ލީޑް ފުޅާކޮށްދީފައެވެ.

ޔޫރޯ ކޮލިފިކޭޝަން ގައި ރޭ އަލްބޭނިއާއާ އަރްމޭނިއާ ބައްދަލުކުރި މެޗްގައި އަލްބޭނިއާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފަފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
މި ގްރޫޕްގައި ރޭ ޕޯޗުގަލްއިން ވަނީ ސާބިއާގެ މައްޗަށް 1-2 ގެ ނަތީޖާއިން ކުރި ހޯދައިފައެވެ.
އަލްބޭނިއާގެ އިތުރުން ރޭ ފެރޯ އައިލޭންޑްސްގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރި ހޯދުމުން، ރުމޭނިއާ ވެސް ވަނީ ޔޫރޯއަށް ކޮލިފައިވެފައެވެ.
ރުމޭނިއާ ޔޫރޯއަށް ކޮލިފައިވީ، ގްރޫޕް 'އެފް'ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ރުމޭނިއާއަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ. 21 ޕޮއިންޓާއެކީ މި ގްރޫޕްގެ އެއްވަނަ ހޯދައިގެން ޔޫރޯއަށް ކޮލިފައިވީ، ނޮދަން އައިލޭންޑެވެ.