އަންނަ އަހަރުގެ ތެރޭގައި އައްޑޫގެ ހުރިހާ ރައްޔިތުންނަށް ސާފު ފެން ލިބޭނެ ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، އައްޑޫގެ ދެ ރަށް ކަމަށްވާ މީދުއާއި ހުޅުދުއަކީ ވަކިން އޮންނަ ދެރަށް ކަމުން ފެނާއި ނަރުދަމާގެ މަސައްކަތް ފަށަންޖެހުނީ ވަކިވަކިން ކަމަށެވެ. އަދި ހުޅުދޫގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 51 ޕަސެންޓު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޠާރިގު ވިދާޅުވީ، ކުރިއަށް އޮތް މަހުގެ ތެރޭގައި އައްޑު އަތޮޅު މީދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

"ބައެއް މަސައްކަތް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހުރީ ކުރެވިފައި. އެހެންނަމަވެސް އެމަސައްކަތެއް އެއްގޮތަކަށް ވެސް ނުނިމޭ. ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް ހުރި. އޭރުގެ ސަރުކާރުން ހުރީ މަސައްކަތުގެ ދެބައިކުޅަ އެއްބައި ވެސް ނުކުރެވި. އެހެންނަމަވެސް މި ސަރުކާރު އައިސް ގިނަ ތަކެތި ގަނެ މަސައްކަތަށް ބޭނުންވާ ސާމާނުތައް ހޯދީ. އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަމުގެ ފޮނި މީރުކަން އައްޑޫ ރައްޔިތުންނަށް ލިބޭނެ،" ޠާރިގު ވިދާޅުވި އެވެ.

މިނިސްޓަރު ޠާރިގު ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގެ ގޭގެއަށް މިހާރު ގެންދަނީ ހޮޅިވަޅުލުމުގެ މަސައްކަތް ހިނގަމުން ކަމަށާއި އެކަމަށް ބޭނުންވާ ސާމާނު ވެސް މިހާރު އައްޑުއަށް ގެންދެވިފައިވާ ކަަމަށެވެ. އަދި އެ ސަރަހައްދުގައި ގާއިމުކުރަންޖެހޭ ދެ ވެކިއުމް ސްޓޭޝަނުގެ ތެރެއިން އެއްތަނުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި ދެވަނަ ސްޓޭޝަނުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.