28 Mar 2011, 15:04
ސަރުކާރުން ހިފަހައްޓާފައިވާ ރަށްރަށުގެ އެކަންޓުތައް ކައުންސިލްތަކާ ހަވާލުކޮށް ކައުންސިލަރުންނަށް މި މަހުގެ މުސާރަ ދޭން ފިނޭންސް މިނިސްޓްރީން އެއްބަސްވެފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ސަރުކާރުން ފައިސާ ހިފެހެއްޓި މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއެކު ޑީއާރުޕީން މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކައުންސިލްތަކަށް ފައިސާ ދޭން މިނިސްޓްރީން މިވަގުތައް ކަންތައްތަކެއް ރާވާފައިވާ ކަމަށާއި އެކަމަށް ހުރަސް އަޅަނީ ގައުމީ އިދާރާތަކުން ކަމަށެވެ.
"ގައުމީ އިދާރާތަކުން ބޭނުންވާ ގޮތަކަށް ކަންތައްތަކެއް ހިފަހައްޓާތީ މައްސަލައަކީ. މި ބޭފުޅުން ]ފިނޭސް މިނިސްޓްރީން[ އެ ވިދާޅުވަނީ ބޭންކް އޮފް މޯލްޑިވްސްގައި ކައުންސިލްތަކުން އެކަންޓްތައް ހުޅުވުމާއެކު ފައިސާތައް ދޭނެ ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.
ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލަރުންނަށް މުސާރަދޭން އެއްބަސްވެފައިވާ ކަމަށާއި ކައުންސިލްތަކަށް ބަޖެޓް ދިނުމަށް ފިނޭސް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކަށް ގައުމީ އިދާރާތަކުން ނުފޫޒު ފޯރުވާ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ފިނޭސް މިނިސްޓްރީން ވެސް އެއްބަސްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިނގޭ ކަމެއް ކައުންސިލްތަކުގެ މައްޗަށް ބަސް ބުނުމަށް ގައުމީ އިދާރާތަކުން މަސައްކަތް ކުރާ ކަން. އެހެން ނަމަވެސް މިނިސްޓްރީން ޔަގީންކަން އެބަދެއްވާ އެ ނިއަތުގައި އުފައްދާފައިވާ ތަންތަން ނޫން ކަން ގައުމީ އިދާރާއަކީ،" ރޮޒައިނާ ވިދާޅުވި އެވެ.