12 Oct 2015, 11:38
މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް އޮތް މާއްދާ ގާނޫނުއަސާސީއާ ޚިލާފެއް ނޫންކަމަށް ދައުލަތުން ބުނެފި އެވެ.
އެ މައްސަލައަކީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި ފަސް ވަނަ މާއްދާގެ (ހ) ބާތިލްކޮށްދިނުމަށް އެދި ފަސް މީހެއްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެ އެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ހއ. އިހަވަންދޫ އަންބަރީގޭ އަބްދުލްމާނިއު ހުސައިނާއި ސ. ހިތަދޫ ބާޒީގޭ ހުސައިން ޝަހީދާއި ޅ. ނައިފަރު ނަސީމާ މަންޒިލް އަބްދުﷲ ޝިޔާޒާއި ގދ. ގައްދޫ ބޯޅަދަނޑުގޭ އަބްދުﷲ ނަސީރުގެ އިތުރުން ހދ. ކުރިނބީ ރަންކޮކޯ ހަސަން ވަހީދެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުންއެދިފައިވަނީ އެ މައްސަލާގައި އިސްލާމީ ޝަރީއަތުގެ ދަށުން ޝަރީއަތުން ގޮތެއް ކަނޑައަޅައިދޭން އެދޭކަމަށެވެ.
މީގެ ކުރިން އަޑުއެހުންތައް ނިންމާލާފައިވާ އެމައްސަލައިގެ ބެންޗު ބަދަލުވުމާ ގުޅިގެން އިޖުރާއީގޮތުން ފުރިހަމަ ކުރަންްޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލައިގައި މީގެ ކުރިން ދައުލަތުން ނިންމިގޮތުގެ ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށެވެ.
މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާ އަދި ފަސްވަނަ މާއްދާވެސް ގާނޫނުއަސާސީއާއި އެއްވެސް ގާނޫނަކާއި ތައާރުޒު ނުވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި ގަތުލު މަރެއްގެ ކުށުގައި މަރަން ހުކުމްކޮށްފައި ހުރި މީހަކަށް މިހާތަނަށް މައާފު ދީފައި ނުވާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
އަމަލެއްގެ ސަބަބުން ކުރެވޭ އެހެން ދައުވާއަކަށް މީހަކު މެރުމަށް ހުކުމްކޮށްފައިވާ ނަމަ އެއީ އެމީހަކަށް މާފު ދިން ނަމަވެސް ގަތުލު މަރެއްގައި މަރަން ހުކުމްކޮށްފައިވާ މީހަކަށް މާފު ނުދޭނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ބުނެފައިވާގޮތުން ގަތުލު މަރެއްގައި މަރަން ހުކުމްކޮށްފައިވާ މީހުންނަށްވެސް މާފުދިނުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށާއި އެއީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށެވެ. އެ މާއްދާ ބާތިލު ކުރަން ހުށަހެޅީ އެސަބަބާ ހުރެކަމަށްވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ބުނެފަ އެވެ.
ބާތިލުކޮށްދިނުމަށް އެދުނު މަރުގެ އަދަބު ލުއިކޮށްދޭ މާއްދާގައި ވަނީ މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވައިފި ނަމަ ނުވަތަ ދަށު ކޯޓުން ނުވަތަ ހައި ކޯޓުން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ ހުކުމް އުމުރަށް ޖަލަށްލުމުގެ އަދަބަކަށް ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށެވެ.
އިސްފަނޑިޔާރު އަބްދުއް ރައުފް އިބްރާހިމް ވިދާޅުވީ އެމައްސަލާގައި އިތުރު ކަމެއް ޝަރީއަތުން ސާފުކުރަން ބޭނުން ނުވާނަމަ ދެން އޮއްނާނީ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.
ފަނޑިޔާރު އަބްދުއް ރައުފް އިބްރާހިމް އިސް ފަނޑިޔާރުކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދުއާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ސުޖާއު އުސްމާނު އެވެ.