މިދިޔަ ހޮނިހިރު ދުވަހު އއ. މަތިވެރި ކައިރީގައި "ކެއިފު" ނަމަކަށް ކިޔާ ސަފާރީއެއްގައި "ޕާޓީ" ކުރަން ތިއްބައި ހައްޔަރުކި ހަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތޮއްޑޫ މެޖިސްޓުރޭޓު ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތު އިތުރު ކުރީ ހައްޔަރުކުރި މީހުންގެ ތެރެއިން 28 އަހަރުގެ ފިރިހެން މީހާ އަށާއި 31 އަހަރުގެ އަންހެން މީހާއަށް ކަމަށެވެ. އެއިން ކޮންމެ މީހަކަށް ހަތަރު ދުވަސް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ދެން ތިބި ހަތަރު މީހުން އެ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

ޕާޓީ ކުރި ސަފާރީގެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރިި އިރު އެ ސަފާރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އަޑިއަށް ވެސް ގޮސްފަ އެވެ.

މަތިވެރި ކައުންސިލުގެ މެމްބަރަކު މިއަދު "ސަން" އަށް ވިދާޅުވީ ސަފާރީ އަޑިއަށް ދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަފާރީއަކީ ވަރަށް ދިޔަވާ ސަފާރީއެއް ކަމަށާއި އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެއްވެސް މީހަކު އެ ސަފާރީއަށް ނާރާ ކަމަށެވެ.

ތޮއްޑޫ މެޖިސްޓުރޭޓު ކޯޓުން އިއްޔެ ދޫކޮށްލީ، ހައްޔަރުކުރި ފިރިހެނުންގެ ތެރޭގައި ހިމެނޭ 35 އަހަރުގެ މީހާ އާއި ހައްޔަރުކުރި އަންހެނުންގެ ތެރޭގައި ހިމެނޭ 31 އަހަރުގެ މީހާ އާއި 35 އަހަރުގެ މީހާގެ އިތުރުން ހައްޔަރުކުރި ބިދޭސީ މީހާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ "ކެއިފު" ސަފާރީން އަތުލައިގަތް އެއްޗެހިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ވެސް ހިމެނޭ ކަމަށެވެ.