ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮތް، ހުޅުމާލޭގެ 11 ބިމެއް ނެގުމަށް އަންގައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ މަސްލަހަތު އޮންނަ 11 ބިމެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެގުމަށް ނިންމައި "ޓާމިނޭޝަން ލެޓާ" މިހާރު ވަނީ ފޮނުވައިފަ އެވެ. ބިން ނަގަން ނިންމާފައި ވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

އެކަމާ ގުޅިގެން ސަން އިން ސުވާލު ކުރުމުން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ "އެކަހަލަ ކަމެއް ހިނގައިގެން އެބައުޅޭ." ކަމަށާއި އެ ބިންތަކުގެ ތެރޭގައި ހިމެނެނީ ގާސިމްގެ ވިލާ ކުންފުންޏާއި ގާސިމްގެ އާއިލީ ފަރާތްތަކުގެ ނަމުގައި ހުރި ބިންތަކެއް ކަމަށެވެ.

"ވިލާގެ ނަމުގައި ހުރީ ވެސް ބައެއް އެއްޗެހި [ބިން]، އަނެއްކާ ގާސިމް އިބްރާހިމްގެ އާއިލީ ބޭބޭފުޅުންގެ އެއްޗެހި ވެސް [ބިން] އޭގެ ތެރޭ ހިމެނޭ."

އިންޑަސްޓްރިއަލް އޭރިއާގައި ހުރި މަސައްކަތް ނުކުރާ 16 ބިމެއް ނެގުމަށް ވަނީ ސިޓީ ފޮނުވާފައި ކަމަށް ވެސް އެޗްޑީސީ އޮފިޝަލް ވިދާޅުވި އެވެ.