28 Mar 2011, 14:04
ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް [ބީއެމްއެލް]ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ ދެ ޑިރެކްޓަރުންގެ މަގާމަށް އައްޔަން ކުރުމަށް އެސްޓީއޯގައި އިސް ވަޒީފާއެއް އަދާކުރައްވާ މ. ސީނުކަރަންކާގެ އާދަމް އާޒިމާއި ބޭންކުގެ އާ ސީއީއޯ ޕީޓަ ހޯޓަންގެ ނަން ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ފޮނުވައިފި އެވެ.
ބީއެމްއެލް އިން އާންމު ކުރި އިއުލާނެއްގައި ބުނަނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެރޭ ބާއްވާ އެ ބޭންކުގެ ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާ އަށް ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރުމަށް ދެ ބޭފުޅުންގެ ނަންފޮނުވާފައި ވަނީ ސަރުކާރުން އައްޔަން ކުރާ އަށް ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުންގެ މަގާމު ހުސްވުމުން ކަމަށެވެ. އަދި ބުނަނީ އެ ރޭ ނަސަންދުރާގައި އޮންނަ ޖަލްސާގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އެދެ މެންބަރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުން ކަމަށެވެ.
ސަރުކާރުން އަލަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ދެ ނަމުގެ ތެރެއިން އާދަމް އާޒިމަކީ އެސްޓީއޯގެ މާޗަންޑައިޒް އާ ބެހޭ ބައިގެ ޖެނެރަލް މެނޭޖަރެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަން އިން އެކައުންޓް އެންޑް ފައިނޭންސްގެ ރޮނގުން އޮނާސް ޑިގްރީ އަދި ނޮޓިންހަމް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ވެސް ހާސިލް ކުރައްވާފަ އެވެ.
ބީއެމްއެލްގައި އާޒިމްގެ 100 ހިއްސާ އޮންނަކަމަށް އެބޭންކުން ބުންޏެވެ.
މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން، ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވެ ވަޑައިގަތް ޕީޓާ އަކީ ފައިނޭންޝިއަލް ސާވިއަސް އިން ފަސްޓް ކްލާސް އޮނާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ލަންޑަންގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ ވެސް މެންބަރެކެވެ. ތިން އަހަރު ދުވަހުގެ އެގްރިމެންޓެއްގެ ދަށުން ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން ޕީޓާ ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ބޭންކް ކަމަށްވާ ބާކުލޭސްއާ ފަސްޓްކެރެބިއަން އިންޓަނޭޝަނަލް ބޭންކުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްޕުޅުކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ފަސްޓްކެރެބިއަން އިންޓަނޭޝަނަލް ބޭންކުގެ ކޯޕަރޭޓް ޑައިރެކްޓަރަކަށެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު ތިއްބަވަނީ 11 ޑިރެކްޓަރުންނެވެ. އެއީ އައްޔަންކުރާ ޑިރެކްޓަރުންގެ ގޮތުގައި ސަރުކާރު ތަމްސީލުކުރާ ހަތް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ތިން ޑިރެކްޓަރުންނާ އަދި މުސްތަގިއްލު ޑިރެކްޓަރެއްގެ ގޮތުގައި ސަރުކާރުން ހުށަހަޅާ މީހުންގެ ތެރެއިން ކަނޑައެޅޭ ޑިރެކްޓަރެކެވެ. އެ ބޯޑަށް އައްޔަންކުރާ ޑިރެކްޓަރުން ހޮވާނީ ސަރުކާރަށް ލިބިގެންވާ ހިއްސާތައް ހިމެނޭ ގޮތަށް ނަގާ ޕޯލްގެ ނަތީޖާ ދައްކާ ގޮތަކަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ދެ މަގާމު ހުސްވީ ދިވެހި ރާއްޖޭގެ ބޭންކިން ގާނޫނުގައި ބުނާ ޝަރުތުތައް އެބޯޑުގެ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އަޒްބާން ފަހުމީގެ ޝަރުތު ހަމަނުވާތީ އޭނާ މަގާމުން ދުރުކުރުމުންނާއި އަދި ކުރިން އެ ބޭންކުގެ ސީއީއޯ އަކަށް ހުންނެވި ގަނޭޝަން ސުބްރަމާނިއަމް ކުއްލި ގޮތަކަށް އެ މަގާމުން އިސްތިއުފާ ދެއްވައި އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ.