20 Apr 2010, 16:07
"ވެރިކަން ބަދަލުވުމުގެ މަރްޙަލާއާ ބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
މިބިލަކީ މިމަހުގެ ހަ ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. 14:30
މި ބިލް ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކޮށްފަ އެވެ.
މި ޤާނޫނަކީ ވެރިކަން ބަދަލުވުމުގެ މަރްޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެކެވެ. އެޤާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިޚާބުވާ ފަރާތެއް އެދިއްޖެނަމަ، ވަކި ޚަރަދުތަކަކާއި ޚިދްމަތްތަކެއް، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ފޯރުކޮށްދޭންޖެހެ އެވެ. އަދި މި ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުވެފައިވާ މީހާ ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި، އެ އޮފީހަށް ބޭނުންވާ އެންމެހާ ތަކެތި ހަމަޖައްސައިދިނުމާއި، އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި، އެފަދަ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ހަމަޖައްސައިދިނުމާއި، ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި، ޖަމާޢަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި، އަދި އެފަދަ ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ފޯރުކޮށްދިނުން ހިމެނެ އެވެ.
ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެކަށީގެންވާ ތަނެއް ނުވަތަ އެކަމަށް ހިނގާ ޚަރަދާއި، ކުއްޔަށް ހިފުމަށާއި، ދަތުރުފަތުރަށް ބޭނުންވާ ޚަރަދު ހަމަޖައްސައިދިނުމާއި، މުވާޞަލާތާއި ލިޔެކިޔުމަށް ބޭނުންވާނެ އެންމެހާ ޚަރަދު ހަމަޖައްސައިދިނުމާއި، ރައީސުލްޖުމްހޫރިއްޔާއަށްދޭ ސަލާމަތާއި ރައްކާތެރިކަމާ އެއް ފެންވަރަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިފައިވާ މީހަކަށް ސަލާމަތާއި ރައްކާތެރިކަން ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ހަމަޖައްސައިދިނުމަށް ވެސް އެ ޤާނޫނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިޚާބުވާ މީހަކު ވާދަކުރި އިންތިޚާބުގެ ނަތީޖާ އިޢްލާނުކުރުމުގެ ކުރިން ނުވަތަ މަގާމާ ޙަވާލުވުމަށްފަހު ކުރާ އެއްވެސް ޚަރަދަކަށް މި ޤާނޫނުގެ ދަށުން ފައިސާ ހޭދަކޮށްގެން ނުވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މި ޤާނޫނުގެ ދަށުން ހޭދަކުރެވޭނީ، ގިނަވެގެން އެއް މިލިއަން ރުފިޔާ އެވެ. އަދި މި ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް ބަލަހައްޓާނީ، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ކަމަށާއި މި މަގާމަށް މީހަކު ޢައްޔަން ކުރާނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވާ ފަރާތުން އެދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ވެސް އެ ޤާނޫނުގައި ބުނެފައިވެ އެވެ.