ސައިންސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ސީއެޗްއެސްއީގެ 61 ދަރިވަރަކު އިންޑިއާގެ ބެންގަލޫރަށް ޒިޔާރަތް ކޮށްފި އެވެ.

ސީއެޗްއެސްއީ އިން މިއަދު ބުނި ގޮތުގައި ސައިންސްގެ ދާއިރާއިން މައުލޫމާތު ހޯދައި އިތުރަށް ކުރިއަށް ދިޔުމަށް އެ ދަރިވަރުން ބެންގަލޫރަށް ގެންދިޔައީ މިދިޔަ ހަފްތާގަ އެވެ.

މިހާރު އެ ދަރިވަރުން މާލެ އައިސްފައިވާ އިރު އެއީ އެގޮތަށް އަމަލީ މައިދާނުން މައުލޫމާތު ހޯދައި ތަޖުރިބާ ހޯދުމަށް ގެންދެވުނު ފުރަތަމަ ދަތުރު ކަމަށް ސީއެޗްއެސްއީ އިން ވަނީ ބުނެފަ އެވެ.

ސީއެޗްއެސްއީ އިން އިންތިޒާމްކޮށްގެން މިދިޔަ ހަފްތާގައި ކުރި އެ ދަތުރުގައި ވަނީ ސައިންސްގެ ދާއިރާއާ ގުޅުން ހުރި ބޮޑެތި ކުންފުނިތަކަށް ޒިޔާރަތްކޮށްފަ އެވެ. އަދި އެއާ އެކު ސައިންސުގެ ދާއިރާއިން ދަރިވަރުންނާ ގުޅުންހުރި ދާއިރާތަކުން އެ ކުންފުނިތަކުން ތަޖުރިބާ ހޯދާފައިވާ ކަމަށް ސްކޫލުން ބުންޏެވެ. އޭގެ އިތުރުން އިންޑިއާގައި މަޝްހޫރު އައިޓީ ކުންފުންޏަކާއި ޑިޒައިނިން ދާއިރާގެ ކުންފުންޏަކަށް އެ ދަރިވަރުން ޒިޔާރަތް ކޮށްފައިވާ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

އެއިރޯ ސްޕޭސް ފަދަ ދާއިރާތަކުން ވެސް އެ ދަރިވަރުން މައުލޫމާތު ހޯދާފައިވާ އިރު އިންޑިއާގެ ފާހަގަކޮށްލެވޭ މޮޅެތި ދަރިވަރުންނާ ވަނީ އެ ދަތުރުގައި ސީއެޗްއެސްއީގެ ދަރިވަރުން ބައްދަލުކޮށްފަ އެވެ.