12 Oct 2015, 11:25
ޔޫކޭގެ އެންޖީއޯއެއް ކަމަށްވާ "އޯބިސް"ގެ އޮފިޝަލް އެއާލައިނަކަށް ގަތަރު އެއާވޭސް ހަމަޖައްސައިފި އެވެ.
އޯބިސް އަކީ، އުފަންވާއިރު ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުން ފިޔަވައި، އެހެން ކޮންމެވެސް މައްސަލައަކާ ހުރެ ލޮލުގެ ފެނުން ގެއްލި ނުވަތަ ލޮލުގެ ފެނުން ކޮށިވެފައިވާ މީހުންނަށް އެހީވެދިނުމަށް، ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ، ލޮލުގެ ފަރުވާއާ ގުޅޭ މާހިރުން އެކުލެވޭ ޓީމެއްގެ މައްޗަށް އުފައްދާފައިވާ އެންޖީއޯ އެކެވެ.
އެގޮތުން އެ ޓީމުގެ ދަތުރުތަކުގައި ދުނިޔޭގައި ނަން މަޝްހޫރު ލޮލުގެ ފަރުވާދޭ މާހިރުންނާއި، ލޮލުގެ ފެނުމަށް ފަރުވާދޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރެ އެވެ.
އޯބިސްގެ އޮފިޝަލް އެއާލައިނަކަށް ގަތަރު އެއާވޭސް ހަމަޖެއްސުމަށް އިއްޔެ ހަމަދް އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ގަތަރު އެއާވޭސް
އެ ޓީމުގެ ދަތުރުތަކުގައި ގައުމުތަކުގައި އުޅޭ ލޮލުގެ ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ކްލިނިކްތަކުގައި އުޅޭ ސިއްހީ ފަރުވާދޭމީހުން ހޭލުންތެރިކޮށް، އެފަދަ މައްސަލަ ދިމާވެފައިވާ މީހުންނަށް އެކި ގޮތްގޮތުން ފަރުވާދިނުން ފަދަ ޕްރޮގްރާމްތައް ހިންގަ އެވެ.
އެ އެންޖީއޯގެ އޮފިޝަލް އެއާލައިނަކަށް ގަތަރު އެއާވޭސް ހަމަޖެއްސުމާ ގުޅިގެން ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކްބަރް އަލް ބަކަރް ވިދާޅުވީ، އޯބިސް ފަދަ އެންޖީއޯ އަކަށް އެހީވުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި އެފަދަ ޖަމިއްޔާތަކަށް އެހީވުމަކީ ކޮންމެ ގްލޯބަލް އެއާލައިނަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ބަދަލު ގެނެވިދާނެ ކަމަށެވެ.
ގަތަރު އެއާވޭސް އިން ދުނިޔޭގެ 150 ހިސާބަކަށް ދަތުރުކުރެ އެވެ. އެގޮތުން އޯބިސް ޖަމިއްޔާގެ ފަރާތުން ދަތުރުކުރަން ބޭނުންވާ ގިނަ ގައުމުތަކަކަށް އެ އެއާލައިނުން ދަތުރުކުރެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ 285 މިލިއަން މީހުން އުޅެ އެވެ. އޭގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ފަރުވާކޮށްގެން ލޮލުގެ ފެނުމުގެ މައްސަލައަށް ހައްލު ލިބޭނެ ފަރާތްތައް ކަމަށް އޯބިސް ޖަމިއްޔާގައި ހަރަކާތްތެރިވާ ސިއްހީ މާހިރުން ބުނެ އެވެ.