12 Oct 2015, 10:29
ކަތުމަންޑޫ،ނޭޕާލް. އޭޕީ) ނޭޕާލް ޕާލަމެންޓުން އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ކޮމިއުނިސްޓްޕާޓީގެ ލީޑަރު ޚަދުގާ ޕްރަސާދު އޯލީ ހޮވައިފި އެވެ.
އޯލީ ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމަށް ހޮވުނީ އެގައުމުގެ ޕާލަމެންޓްގެ 597 މެމްބަރުންގެ ތެރެއިން 338 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު ސުޝިލް ކޮއިރާލާއަށް ލިބިވަޑައިގެންނެވީ 249 ވޯޓެވެ.
އުމުރުން 63 އަހަރުގެ އޯލީއަކީ ނޭޕާލްގެ ސިޔާސީ މައިދާނުގައި މަޝްހޫރު ބޭފުޅެކެވެ. އޭނާއަކީ ނޭޕާލްގެ ކުރީގެ ސަރުކާރުގައި ވަޒީރުކަމާއި ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ ކިޑްނީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ފަރުވާ ހޯއްދެވުމަށް އޭނާ ވަނީ ދާދި ފަހުން އިންޑިއާ އަށާއި ތައިލެންޑަށް ދަތުރުފުޅުތައް ކުރައްވާފަ އެވެ.
އޯލީ އެކުލަވާލައްވާ ނޭޕާލްގެ އާ ސަރުކާރުގައި ބައިވެރި ކުރާނީ ކޮންކޮން ސިޔާސީޕާޓީތަކެއް ކަމެއް އޭނާ އަދި ނުނިންމަވަ އެވެ.
ނޭޕާލްގައި ކުރިން އޮތް ސަރުކާރަކީ އޯލީ ނިސްބަތްވާ ޕާޓީއާއި ކުރީގެ ބޮޑުވަޒީރު ސުޝިލް ކޮއިރާލާ އިސްކޮށް ހުންނަވާ ޕާޓީ ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރެކެވެ. ނަމަވެސް އާ އިންތިހާބެއް ބޭއްވުމަށްޓަކައި ކޮއިރާލާ އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވީ ނޭޕާލްގައި މިދިޔަ ސެޕްޓެމްބަރު މަހު އާ ގާނޫނު އަސާސީއަކަށް އަމަލުކުރަން ފެށުމުންނެވެ.