ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ހައްޔަރު ކުރި ސިފައިންގެ މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ހެކި ނައްތާލުމުގެ ތުހުމަތުގައި ކަމަށް "ސަން" އަށް ކަށަވަރުވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ކިޔައިދިން ގޮތުގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި އެ ލޯންޗުކޮޅުގައި ތިބި ބޭފުޅުން ފުލުހުންގެ ލޯންޗަށް އެރުވި ފަހުން ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ މީހުން ލޯންޗުކޮޅަށް އެރި އެވެ. އަދި ލޯންޗުކޮޅަށް އެރި ސިފައިންގެ މީހުންގެ ތެރެއިން ބައެއް މީހުން އަތަށް އެއްވެސް އެއްޗެއް ލެއްވުމެއް ނެތި ލޯންޗުކޮޅުގެ ބައެއް ތަންތަނުގައި އަތްލި ކަމަށް "ސަން" އަށް ވަނީ އެނގިފަ އެވެ.

ފުލުހުން ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކަކީ އެމްއެންޑީއެފްގެ ބަޑި ގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ނަމަކަށް ސިފައިންގެ މީހެކެވެ. އޭނާއާ އެކު ހައްޔަރު ކުރި ސިފައިންގެ ދެ ވަނަ މީހަކީ ސާޖަންޓް މޫސާ ޒަމީރެވެ. ތިން ވަނަ އަށް ހައްޔަރު ކުރި މީހާގެ ވަނަވަރެއް ނޭނގެ އެވެ.

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސް ސަލާމަތް ކުރަން، މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ހައްޔަރުކުރި ޒަމީރާއި ޖަވާޒުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކުރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ޖަހާދީފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަމީރަކީ ބޮން ނުގޮވާ ގޮތަށް ރައްކާތެރިކަމާ އެކު އެތަކެތި ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މީހަކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިއެކެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ސަބަބުން ރައީސް ޔާމީނުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޮޑީ ގާޑަކަށް ވަނީ ވަރަށް ބޮޑަށް ޒަހަމުވެފަ އެވެ. ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ސީދާ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުން ހާއްސަ ތަހުގީގެއް ވެސް އަންނަނީ ކުރަމުން ނެވެ. އަދި އެ ތަހުގީގު ވަރަށް ބާރު މިނެއްގައި ދަނީ ކުރިއަށެވެ.

ހައްޖުގެ އަޅުކަމަށް ފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން އެސްޕީޖީ އިން ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލައި، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ) ވަނީ އުފައްދާފަ އެވެ.

އެ ޑިވިޝަން އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށްފަހު އެވެ. އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.