އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ 10:00ގައި ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މާދަމާ ބާއްވަނީ އިމްރާންގެ މައްޗަށް ކުރާ ދައުވާގެ ދެވަނަ ޝަރީއަތުގެ އަޑުއެހުމެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރީންނަށް އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް އޭނާ ވާހަކަދެއްކުމުން، މުޒާހަރާގެ ބައިވެރިން ފުލުހުންނަށާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާތީ ކަމަށް ބުނެއެވެ.

އިމްރާން ވަނީ އެ ދައުވާއަށް އިންކާރު ކުރައްވައިފައެވެ.

އިމްރާންގެ ޝަރީއަތް ހިންގާ ބެންޗުގައި ތިއްބަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒް އަދި ގާޒީ އަބްދުﷲ ނަޝީދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ ބާރީއެވެ.