12 Oct 2015, 10:03
ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވާފައިވާ އައިމިނަތު އީނާސު، އެ ކޮމިޝަންގެ ރައީސަކަށް ކަމަށް އަދި ނާއިބު ރައީސް ކަމަށް، ޝިފާގު މުފީދު އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސް ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ފޮނުއްވާފައިވާ ސިޓީފުޅެއްގަ އެވެ.
އެޗްއާރްސީއެމްގެ ގާނޫނުގެ އަށް ވަނަ މާއްދާއަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ޢައްޔަންކުރާނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ހަމައެއާ އެކު ކޮމިޝަނުގެ ރައީސަކު ނުވަތަ ނާއިބު ރައީސަކު ޢައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް އީނާސާއި ޝިފާގު އައްޔަން ކުރައްވާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.