މިދިޔަ ހޮނިހިރު ދުވަހު އއ. މަތިވެރި ކައިރީގައި ސަފާރީއެއްގައި "ޕާޓީ" ކުރަން ތިއްބައި ބަޔަކު ހައްޔަރުކުރި "ކެއިފު" ނަމަކަށް ކިޔާ ސަފާރީ އަޑިއަށް ހިނގައްޖެ އެވެ.

މަތިވެރި ކައުންސިލުގެ މެމްބަރަކު މިއަދު "ސަން" އަށް ވިދާޅުވީ ސަފާރީ އަޑިއަށް ދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަފާރީއަކީ ވަރަށް ދިޔަވާ ސަފާރީއެއް ކަމަށާއި އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެއްވެސް މީހަކު އެ ސަފާރީއަށް ނާރާ ކަމަށެވެ.

"ބޮޑަށް ލަފާ ކުރެވެނީ އެ ސަފާރީ އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށް. ފަތިހު ގިނަ ބަޔަކަށް ފެނުނު އިރު ވެސް ސަފާރީގެ ބޮޑު ބައި އޮތީ އަޑިއަށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

"ޕާޓީ" ކުރި "ކެއިފު" ސަފާރީ އއ. މަތިވެރި ކައިރިއަށް އަޑިއަށް ގޮސްފައި: ސަން ފޮޓޯ/ ކިޔުންތެރިއެއް

ކައުންސިލް މެންބަރު ވިދާޅުވީ އެ ސަފާރީއަކީ އެ ރަށުގައި ހިންގާ ގެސްޓު ހައުސްއެއްގެ ސަފާރީއެއް ކަމަށެވެ. އަދި އެ ސަފާރީ އަޑިއަށް ދިއުމުން އެ ސަފާރީ ނެގުމަށް އެހީތެރިވެދިނުމަށް ކައުންސިލުގައި ސަފާރީގެ ވެރިން އެދިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް މަތިވެރި ރައްޔިތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ކެއިފު" ސަފާރީން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އަތުލައިގެން ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތައް: ފޮޓޯ/ ޕޮލިސް މީޑިއާ

ފުލުހުންގެ މީޑިއާ އޮފިޝަލު އިއްޔެ "ސަން" އަށް ވިދާޅުވީ ސަފާރީއެއްގައި ބަނގުރާ ބޭނުން ކުރަން ތިބި ހަ މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 33 އަހަރު ބިދޭސީއެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެހި ތިން އަންހެނުންނާއި ދެ ފިރިހެނަކު ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ހައްޔަރު ކުރި އަންހެނުންގެ ތެރޭގައި 31 އަހަރުގެ މީހަކާއި 34 މީހެއްގެ އިތުރުން 35 އަހަރުގެ މީހެއް ހިމެނޭ ކަމަށެވެ. އަދި ހައްޔަރުކުރި ފިރިހެނުންގެ ތެރޭގައި ހިމެނެނީ އުމުރުން 28 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ "ކެއިފު" ސަފާރީން އަތުލައިގަތް އެއްޗެހިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ވެސް ހިމެނޭ ކަމަށެވެ.