28 Mar 2011, 13:50
ލޯ ސޮސައިޓީގެ ޖަލްސާއެއް ނުބޭއްވި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ އާއި ސޮސައިޓީގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވުމުން ވެސް އިންތިހާބު ބާއްވާފައި ނުވާތީ އެ ސޮސައިޓީގެ އާންމު މެންބަރުން އިސް ނަގައިގެން ސޮސައިޓީގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.
ލޯ ސޮސައިޓީގެ ޖަލްސާއެއް ބޭއްވުމަށް މެންބަރުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ ލޯޔަރުންގެ ތެރެއިން ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ލޯ ސޮސައިޓީގެ ހިންގާ ކޮމެޓީ އިންތިހާބުވިތާ ހަތަރު އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ޖަލްސާއެއް ބާއްވާފައި ނުވާ ކަމަށެވެ. އަދި ހިންގާ ކޮމެޓީގެ މުއްދަތު ވެސް ހަމަވެފައި އޮންނަތާ އަހަރުތަކެއްވެފައިވާ ކަމަށެވެ.
"މިޝަކުވާ އަޅުގަނޑުމެން މެމްބަރުން އެތަކެއް ފަހަރު މުއްދަތު ހަމަވެފައި އޮތް ކޮމެޓީއާ ހަމައަށް ވެސް ގެންގޮސްފިން. އަދި ޖަލްސާއަކަށް ގޮވައި ދިނުމަށް ތަކުރާރުކޮށް ވާނީ އެދިފައި، މިހާތަނަށް ވެސް އެކަން ނުކޮށް ފަސް އަހަރުވާން ދަނީ، އެހެންވީމާ އަޅުގަނޑުމެން މެންބަރުން އިސް ނަގައިގެން ސޮސައިޓީގެ ޖަލްސާއެއް ބާއްވަން މިދަނީ މަސައްކަތް ކުރަމުން،" ނަން ހާމަ ކުރަން ބޭނުންފުޅު ނުވާ ލޯޔަރު ވިދާޅުވި އެވެ.
އެ ލޯޔަރު ވިދާޅުވީ އަންނަ އޭޕްރީލް 15 ގައި ލޯ ސޮސައިޓީގެ ޖަލްސާއެއް ބޭއްވުމަށް އާންމު މެންބަރުންގެ ފަރާތުން އިއުލާން ކުރާނެ ކަމަށާއި އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވަމުން އަންނަ ކަމަށެވެ.
"އެއްވެސް ހަރަކާތެއް ނެތް ޖަމިއްޔާއެއްގެ ގޮތުގައި މި ސޮސައިޓީ ބޭއްވޭ ކަށެއް ނެތް. މިހާރު ހިންގުމުގައި ތިއްބެވި ބޭފުޅުން އެކަމެއް ނުއެއް ކުރެއްވެވި. އެހެންވީމާ މިހިސާބުން މެންބަރުންނަށް ބާރުލިބޭ މިކަން ކުރަން. އެގޮތުން އަޅުގަނޑުމެން ނުކުމެ ޖަލްސާއަކަށް މި ގޮވާލަނީ،" އޭނާ ވިދާޅުވި އެވެ.
ސޮސައިޓީގެ ދައުރު ހަމަވެފައިވާ ހިންގާ ކޮމެޓީގެ ބޭފުޅަކު ވިދާޅުވީ މެންބަރުން، ސޮސައިޓީގެ ޖަލްސާއެއް ބާއްވަން އުޅޭކަން އެނގިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ޖަލްސާ ބާއްވައި ދިނުމަށް ކުރިންސުރެ އެދިފައިވާ ކަމަށެވެ.
"އެކަން ނުކުރެވި އޮތީ، އަދި ހަމަ އެވިދާޅުވާހެން މުއްދަތު ވެސް ހަމަވެފައި އޮތީ، އިދާރީ ގޮތުން ބައެއް ސަބަބުތައް މެދުވެރިވެގެން ޖަލްސާއެއް ނުބޭއްވި އޮތީ،" އެބޭފުޅާ ވިދާޅުވި އެވެ.
ލޯ ސޮސައިޓީގެ ރައީސް ކަމުގައި މިވަގުތު ހުންނެވީ މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދެވެ. ނައިބު ރައީސުންނަކީ މަޒުލާން ރަޝީދާއި ރޭނީސް ސަލީމެވެ. ހަޒާންދާރަކީ ހުސައިން ޝަމީމް އެވެ.