ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް މިނިވަން ނުކުރުމަކީ ކުށްވެރިވާނެ ކަމެއް ކަމަށާއި ސަރުކާރުގެ ވެރިން މަގާމުތަކުން ވަޑައިގަންނަވާ ދުވަހު އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސީ ވިލާތުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް، ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު މިހާރު ހުންނެވީ "ރަހީން"ކޮށްފައި ކަމަށާއި އދ. ގެ ވޯކިން ގްރޫޕުގެ ނިންމުމާ ދެކޮޅަށް، ނަޝީދު ބަންދުގައި ބަހައްޓާނަމަ ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"މި ނިންމުން ބޮލާލައި ޖެހުމަށްފަހު މި ހިނގަމުންދާ މަރުހަލާގައި މި ކަމަށް ވާގިދީގެން މި ހިންގާ ކޮންމެ ކަމަކީ ޖަރީމާއެއް. އެއީ ރަހީނު ކުރުމެއް. އެއީ ކުށްވެރިވާ ކަމެއް. އެ ބޭފުޅުން މަގާމުތަކުން ދާ ދުވަހު އެ މީހުންގެ މައްޗަށް ޕްރޮސެކިއުޓް ކުރެވޭނެ. މިހާރު ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން އެ ހިންގާ ރަހީނު ކުރުމާ ގުޅިގެން،" ސަރުކާރުގެ "އަނިޔާވެރިކަމުން ސަލާމަތްވުމަށް" ކަމަށް ބުނެ، އިނގިރޭސީ ވިލާތައް އަމިއްލައަށް "އަރުވާލެވިގެން" ހުންނެވި އަލީ ވަހީދު ވިދާޅުވި އެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއަށް އިޝާރާތްކޮށް އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ އެފަދަ ހަމަލާއެއް ދިނުމުގެ ކެޕޭސިޓީ ހުރި ބައެއް ނޫން ކަމަށާއި އެމްޑީޕީއަކީ "ގައިގައި އަތްލައި ހިސާބަށް ދާނެ ބައެއް ނޫން" ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގެ ހާދިސާއަކީ ސަރުކާރުގެ ތެރެއިން ރައީސަށް އަމާޒުވި ހަމަލާއެއް ކަމަށް އަލީ ވަހީދު މިރޭ ވަނީ ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެކަން ކުރި ފަރާތްތަކުގެ "ގައިގައި އަތް ނުލެވިގެން އުޅެނީ" ހިންގާފައިވާ ޖަރީމާތައް ގިނަވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ އެއީ ސަރުކާރުގެ ތެރެއިން އައި ހަމަލާއެއް ކަމަށް... އަޅުގަނޑުމެންނަކީ ސިޔާސީ މަސައްކަތުގައި ނުކުމެތިބި ބައެއް. އަޅުގަނޑުމެންނަކީ ގައިގައި އަތްލައި ހިސާބަށް ދާނެ ބައެއް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.

"އެ ހަމަލާއަކީ އެތެރެއިން އައި ހަމަލާއެއްކަން ރައީސް ޔާމީން ގަބޫލު ކުރައްވާކަން އަޅުގަނޑުމެންނަށް ސާފު. ޕީޕީއެމްގެ ތެރޭގައި މިހާރު އޮތީ ރެނދުލާފައި. ރައީސް މައުމޫނާ ދުރުވުމަށްފަހު މިހާރު އެ އުޅެނީ އެ ދަނީ ކައިރިވަމުން. އަތްލަން ނުކުރިގެން އެ އުޅެނީ ހިންގާފައިވާ ޖަރީމާތައް ގިނަ ކަމުން،"

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުގެ 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މި އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ނެތް ހާލަތަކަށް ފޯކާސްޓްކޮށްގެން އެމްޑީޕީން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވާނީ ނަޝީދާ އެކުގައި ކަމަށެވެ.