12 Oct 2015, 09:28
ލޯބިވާ މާމަ ދަރިފުޅު ގޮވައިގެން ސިޑިން ފެއިބުމުގެ ތެރޭގައި ފައި ކައްސާލައިގެން ދެމައިން ވެއްޓުނީ ހާމައަށް ހުރި ލިފްޓް ހަރުކުރުމަށް ކަނޑާފައިވާ ގޮޅިއަށެވެ. ބެލްކަނިން 11 އަހަރުގެ ކުއްޖަކު މަގުމައްޗަށް ވެއްޓި މަރުވީ އެވެ. އެކި ދުވަސްވަރު މަތިން ބިދޭސީން އިމާރާތްތަކުން ވެއްޓި މަރުވަނީ އެވެ. މިހިތާމަވެރި ހާދިސާތަކުގައި އިބުރަތުން ފުރިގެންވާ ވާހަކަތަކެއް އެބަވެ އެވެ.
ހަ ބުރީގެ އިމާރާތުން މާމައާއި ދަރިފުޅު ވެއްޓުނު ހާދިސާގައި އަށް މަހުގެ ތުއްތު ތުއްތު ކުއްޖާ ވަނީ ކުރީ ދުވަހު ނިޔާވެފަ އެވެ. ތުއްތު ކުއްޖާ ނިޔާވީ އެ ކުއްޖާގެ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
އެދެމައިން ވެއްޓުނީ ހާމައަށް އޮތް ލިފްޓް ގޮޅިއަކަށެވެ. އެޔޮތް އުސް އިމާރާތުގެ އެގޮޅީގައި އެ ދުވަހު އެއްވެސް ނިވަލެއްނެތެވެ. އޭގެ ކުރިން އެގޮޅިން ނުވެއްޓޭހެން ރާނާފައި ހުރި ފާރު ކޮންމެ ވެސް ބޭނުމަކަށް ތަޅާލައި އެގޮޅި އޮތީ ހާމައަށެވެ. ނަތީޖާއަކަށްވީ އެޔޮތް އުސްއިމާރާތުން ތުއްތު ދަރިފުޅު ގޮވައިގެން މާމަ ވެއްޓުމެވެ.

ހެންވޭރު ފެންނާގެ: އަންހެނަކާއި ތުއްތު ކުއްޖަކު ވެއްޓުނު -- ސަން ފޮޓޯ
"ލިފްޓު ގޮޅި ކުރިން ހުރީ ބައްދާފައި. ބައްދާފައޭ މި ބުނީ ކުޑަވަރެއްގެ ފާރެއް ރާނާފައި ހުރީ. އެކަމަކު ލިފްޓު ލުމަށް ކަމަށް ބުނެ އެ ފާރު ތަޅާލިތާ އަދި ނުވާނެ މާ ގިނަ ދުވަހެއް. އަޅުގަނޑުމެންނަށް ވެސް އުނދަގޫވޭ މިހާރު އެ ލިފްޓު ގޮޅިއާ ދިމާލަށް ބަލާލަން ވެސް، ބިރުގަނޭ. މި އިމާރާތުގައި ވަަރަށް ގިނަ ތުއްތު ކުދިން އުޅޭނެ." އެދެމައިން ވެއްޓުނު ހ. ފެންނާގޭގައި ދިރިއުޅޭ މީހަކު ކިޔައިދި ނެވެ.
އެ ހިތާމަވެރި ހާދިސާގެ އިތުރުން މިމަހު ފުރަތަމަ ދުވަހު ވަނީ މ. ކުރެދިވަރުގޭ ފަސް ވަނަ ބުރީގެ ބެލްކަނިން 11 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި ނިޔާވެފަ އެވެ. ހަމައެއާ އެކު މިދިޔަ މަހުގެ ތެރޭގައި ވަނީ މާފަންނު ސަނީ ބްރީޒު 9 ވަނަ ބުރީގައި މަސައްކަތް ކުރަން އުޅެނިކޮށް އިންޑިއާގެ ރައްޔިތަކު ވެއްޓި ނިޔާވި އެވެ.
ރައްކާތެރި ނޫން އެތައް އިމާރާތެއް އަދިވެސް އެބަހުރި:
އެ ހާދިސާތަކުން އިބުރަތެއް ހާސިލް ކުރަން އެބަޖެހެ އެވެ. މާލޭގެ އިމާރާތްތަކުރަން ވަކި ހާއްސަ "ބިލްޑިން ކޯޑް"ތަކެއް ވަނީ އުކުލަވާލާފަ އެވެ. އެކޯޑުތަކުގެ ތެރެއިން ވަކި ހުއްދަތަކެއް ނުލިބި އިމާރާތެއް ނުކުރެވެ އެވެ. ސަލާމަތީ ކަންކަމާއި އަސާސީ ބޭނުންތައް ހިމެނޭގޮތަށް ވަކި ހުއްދަތަކެއް ނަގަންޖެހެ އެވެ. އެއިމާރާތަކީ މީހުންގެ ފުރާނައަށް ގެއްލުންވާ ގޮތަކަށް ހަދާފައިވާ އިމާރާތެއް ނަމަ ހުއްދައެއް ނުދެ އެވެ. އެ އުސޫލްތައް އެހެން އޮތްނަމަވެސް ފެންނަމުން މިދާ ކަމަކީ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ތަނެވެ. އެހެން ކަމުން މިކަމުގައި އިހުމާލެއް އުޅޭކަން އެބަފާހަގަކުރެވެ އެވެ.
ތޮއްޖެހި ބާރުވެފައިވާ މި މާލޭގެ އިމާރާތްތެއްގައި އެތައް ބަޔަކު ދިރިއުޅޭއިރު ސަލާމަތީ ގޮތުން ދަށް އެތައްކަމެއް ފެންނާން އެބަހުއްޓެވެ. އެގޮތުން ސިޑިތަކުގައި ޗެންޗެއިން ނުޖަހާ އެތައް ގެއެއް އެބަހުއްޓެވެ. އެހާ އުސްކޮށް ހުންނަ ގޭގޭގެ ސިޑީގައި ޗެއިންޗެއިން ނުޖަހާ ހުންނައިރު މީހުން ވެއްޓުމުގެ ފުރުސަތު ބޮޑެވެ. ހަމައެއާ އެކު ބެލްކަނި ނެތް ގޭގެ ވެސް މަދެއް ނޫނެވެ. ޓެރެސް ފަދަ ތަންތަނުގައި ރައްކާތެރިކަމެއް ނެތް ގޭގެ ވެސް މަދެއްނޫނެވެ. ބެލްކަނީގައި އުސްކޮށް އެއްޗެހި ބަހައްޓާފައި ހުންނަ ގޭގެ ވެސް ގިނަ އެވެ.
ވައިގޮޅިއާއި ސިޑިގޮޅި ރަނގަޅަށް ނިވާ ނުކުރާ ގޭގެ ވެސް މަދެއްނޫނެވެ. ހަދަމުން އަންނަ އިމާރާތްތަކުގައި އެކަށީގެންވާ "ސޭފްޓީ" އަކައި ނުލާ މަސައްކަތް ކުރާ މަންޒަރު ގިނައިން ފެނެ އެވެ. އެކި ދުވަސްމަތިން ގޭގެ ކުޑަދޮރުތައް މަގުމައްޗަށް ވެއްޓި ހިނގާ ހާދިސާތައް ވެސް މަދެއް ނޫނެވެ. ކަންކަން މިހެން އޮތްއިރު ހިތާމައަކީ މިކަން ނުހުއްޓޭތީ އެވެ.

ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިމާރާތްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގަމުން ދަނީ ބިލްޑިން ކޯޑް މައްސަލައަކުން ނޫން ކަމަށާއި ބަލަންވާވަރަށް ކަންކަން ނުބެލޭތީ އެވެ.
ގޭގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓެންޖެހޭ:
މާލޭގެ އިމާރާތްތައް މޮނީޓާކޮށް ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ ޒިންމާއެކެވެ. އިމާރާތްތަކުގައި ނުގަވައިދު ނުރައްކާތެރި ހާލަތްތަކުގައި ހުރެއްޖެ ނަމަ އެކަންކަން ބެލުމަކީ ވެސް އެމިނިސްޓްރީގެ ޒިންމާއެކެވެ. އުފެދޭ ސުވާލަކީ ތަކުރާރުކޮށް ހިތާމަވެރި އެތައް ހާދިސާއެއް ހިނގާއިރު އެފަދަ ކަންކަން ރަނގަޅަށް ބެލެހެއްޓޭތޯ އެވެ؟
ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ހުރިހާ ގޭގެ ބަލައި ޗެކް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެ ގޭގޭގެ ވެރިފަރާތުންނާއި ކުލި ދަށްކާ ފަރާތްތަކުން ވެސް އެފަދަ ކަންކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
"އަށްޑިހަ ހާސް، 60 ހާސް ގެއެއް ނުވެއް ބެލޭނެ ދެއްތޯ، އެހެންނަމަވެސް އަޅުގަނޑުމެން ބަލަމުންގެން ދާނީ އަބަދުވެސް، ބަލާނެ. މީގައި ހޭލުންތެރިކަން ކުޑައީ." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމާރާތްތަކުގައި އެކަށިގެންވާ ސަލާމަތްކަން ނެތް ނަމަ އެކަންކަން ހައުސިން މިނިސްޓްރީއަށް ހުށައެޅުމަށް އެދޭ ކަމަށާއި އޭރުން އެ މައްސަލަތައް އެމިނިސްޓްރީން ބަލާނެ ކަމަށެވެ.
ފާހަގަކުރި މައްސަލަ ތަކަށް ބަލާއިރު މާލޭގެ ގިނަ އިމާރާތްތަކުގައި އެންމެ އެކަށޭނަ ގޮތްތަކަށް ސަލާމަތީ ކަންކަން ނެތް ކަން ފާހަގަކުރެވެ އެވެ. އަދި ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާނެ ފުރުސަތު އަދި ވެސް އޮތްކަން މިއީ ފެންނަން އޮތް ހެއްކެވެ. މިފަދަ ކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެހެން ނޫނީ ހިތާމަވެރި ހާދިސާތައް ހިނގުން ދުރެއް ނޫނެވެ.