ވައްކަމާއި ފޭރުމާއި މާރާމާރީ ހުއްޓުވުމަށް "ކިހާ ހިސާބެއެއްގައި ހުރި ނަޓެއްތޯ ދޫވެގެން މިއުޅެނީ" އާއި "ކޮން ދިމާލެއްގައިތޯ މަރުތޭލުން ޖަހަންވީ" ބަލައި ސައިންޓިފިކް ސްޓަޑީއެއް ހަދަން ޖެހޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންތިހާ އަށް ވައްކަމާއި ފޭރުމާއި މާރާމާރީ އިތުރުވެ، މުޖުތަމައު ނާމާން ވެއްޓަކަށް ބަދަލުވަމުންދާ ކަމަށް ބުނެ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާ މެދު ބަހުސްކުރައްވަމުން ނަޝީދު ވިދާޅުވީ މުޖުތަމައުގައި ކުށްވެރިން ގިނަވެ، މާރާމާރީ އިތުރުވެގެން ދަނީ ޝަރުއީ ދާއިރާ އާއި ކުށްވެރިންނާ ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި އުޅޭ މައްސަލައަކުން ކަމަށެވެ. އަދި ކުށްވެރިއަކު ޝަރުއީ ދާއިރާ ކަޑައްތުކޮށް އޭނާ ޖަލަށްލެވޭ ހިސާބުން ފެށިގެން ކުށްވެރިއާގެ މަރުހަލާތައް ކަނޑައްތު ކުރާ "ވަށައިޖެހޭ ބުރު"ގެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިމަނަމެން [ފުލުހުން] ހުންނާނެއޭ މިވެނި ވަރަކަށް މައްސަލަ ޕީޖީ އަށް ފޮނުވާފައި. ޕީޖީ އޮފީހަކުން ދައުވާއެއް ނުކުރެއޭ. ޕީޖީން ބުނާނެ، މިހާހިސާބުން ހުންނާނެ މިވެނި މައްސަލައެއް ކޯޓަށް ފޮނުވާފައި. ކޯޓުން މައްސަލައަކަށް ނުގޮވައޭ. ކޯޓުން ބުނާނެ ތިމަންނަމެން ކުރިމައްޗަށް އަންނަ އިރު ފުރިހަމަ އަށް ހެއްކެއް ނުހުރެއޭ. އެހެންވީމާ ތިމަންނަމެންނަށް ކުށްވެރިން ނުހިފެހެއް ޓޭނެއޭ،" ނަޝީދު ވިދާޅުވި އެވެ.

ކޯޓްތަކުން ވެސް އެންމެ ގިނައިން ބުނަމުން އަންނަ އެއް ވާހަކައަކީ، ކޯޓުން ހުކުމްކޮށްފައި ތިބި މީހުން ޖަލުތަކުން ދޫވެ، މުޖުތަމައުގައި ކުށްކުރަން ފެށުމުން މުއްދަތު އިތުރު ކުރަން ކޯޓަށް ގެންނަ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުށްވެރިން މުޖުތަމައުގައި ދޫވެ، ކުށްކުރުން އިތުރުވުމުގެ އަސްލަކީ އެކަމާ ގުޅުން ހުރި މުއައްސަސާތަކުގެ މައްސަލައެއް ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެކަމުގެ ޒިންމާ ދެ ބާއިމީހުންގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި އިލްމީ ފެންވަރެއްގައި އެ މައްސަލައަށް ހައްލެއް ހޯދުމަށް ސައިޓްފިކް ސްޓަޑީއެއް ހަދަން ޖެހޭ ކަމަށެވެ.