11 Oct 2015, 23:03
ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ކްރެސެންޑާސް ހޮސްޕިޓަލިޓީ މެނޭޖްމެންޓް ފަރާތުން ހިންގާ ހެރެތެރެ ރިސޯޓް 'ކެނަރީފް ރިސޯޓް މޯލްޑިވްސް' އަށް ބަދަލުކޮށްފިއެވެ.
އެ ރިސޯޓް ރީބްރޭންޑް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރުފެވެރި މެހުމާނު އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައްޑޫ ސިޓީގައި އެ ކުންފުނިން އިންވެސްޓްކުރަން ނިންމި ނިންމުމަކީ ވަރަށް ފުރިހަމަ ނިންމުމެއް ކަމަށެވެ.
ކެނަރީފް ރިސޯޓް އައްޑޫގެ ތަރައްގީ އަށް ހިއްސާވެދޭ ކަަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
" މީގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ، އަދި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް އެހީތެރިވެދޭނެ" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަދި އެ ރިސޯޓްގައި ވީހާ ވެސް ގިނަ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް ސައީދު ވިދާޅުވިއެވެ.
ހެރެތެރެ ރިސޯޓް ރީބްރޭންޑް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްރެސެންޑާސް ކުންފުނީގެ ޗެއާމަން ލޯރެންސް ލިއޯ ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ގުޅިގެން އިގްތިސާދީ ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ. އަދި އައްޑޫ ސިޓީގަ އޮތް އެއްމެ ބޮޑު ރިސޯޓްގެ ގޮތުގައި އޮވެ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެވޭތީ އުފާކުރާ ކަމަށް ލޯރެންސް ވިދާޅުވިއެވެ.
އަދި އެ ރިސޯޓް ތަރައްގީކުރުމުގެ ގޮތުން އާކޮޓަރިތަކެއް އިމާރަތްކުރުމަށް ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. 271 ކޮޓަރީގެ އެ ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ.
މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެމްޓީޑީސީ) ކްރެސެންޑާސް އަށް އެ ރިސޯޓް ވިއްކާލީ 33.3 މިލިއަން ޑޮލަރަށެވެ.