ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ރާއްޖެ ވަޑައިގަތް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް މިއަދު ފުރާވަޑައިގެންފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް ސުޝްމާ ފުރާވަޑައިގަތީ މިއަދު ހަވީރު އެވެ.

އެ ކަމަނާ ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިއަހަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި އެ ޒިޔާރަތުގައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރު އިންޑިއާގައި ރާއްޖޭގެ އިންވެސްޓް ފޯރަމެއް ބޭއްވުމަށް ރައީސް އެދިވަޑައިގަތް ކަމަށެވެ.

ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ބޭރުން މިއަދު ވަނީ ދެ ގައުމުގެ ދެމެދުގައި ދެ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ. އެއީ ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް އެހީތެރިވުމާ ބެހޭ އެއްބަސްވުމަކާއި އަދި ފޮރިން މިނިސްޓްރީގައި އޮންނަ ފޮރިން އިންސްޓިއުޓަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނީ ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި، އދ.ގެ ސިކިއުރިޓީ ކައުންސިލްގެ މެމްބަރަކަށް ވުމަށް އިންޑިއާ ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށެވެ.