11 Oct 2015, 21:28
މާލޭ ހުޅަނގު އުތުރު ފަރާތުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ކުޑަކުދިންތަކެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ ބެލެނެވެރިން އިހްމާލުވެފައި ވާތީ، ފަސް ކުޑަ ކުއްޖަކު މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގް ކުރުމަށްފަހު، މޮނީޓާ ކުރުމަށްފަހުގައި އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް މި ބައިތިއްބަނީ ކުޑަކުދިންގެ ހިޔާގައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މަންމަ އާއި ބައްޕަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އެ ކުދިންނަކީ ވަރަށް ހާލުގައި އުޅޭ ފަސް ކުދިންނެވެ. މީގެ ކުރިން އެ ކުދިންގެ ވާހަކަ ސަމާލު ކަމަށް ގެނެސްފަ އެވެ.

އެ ކުދިންގެ ތެރޭގައި ތިބީ އަށް އަހަރު ކުއްޖަކާއި ތިން އަހަރު ފިރިހެން ކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ފަސް ކުދިން ވެސް އުޅެނީ ސަލާން ޖަހައިގެން ބަނޑުފުރާނަ މުއްތިނުކޮށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުދިންނަކީ މީގެ ކުރިން ވެސް ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެކެވެ.