11 Oct 2015, 21:32
ހުޅުމާލޭގެ އަމިއްލަ ފަރާތްތަކުގެ ބިންތަކުގައި ހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ) ބުނެފިއެވެ.
މީގެ ކުރިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހުއްދަ ދެމުންދިޔައީ ހަތަރު ބުރިއަށެވެ. އެ އަދަދު ފަސް ބުރިއަށް ބަދަލުކުރަން ފަހުން ނިންމި ނަމަވެސް އެ ނިންމުން ގެޒެޓްކޮށްފައެއް ނުވެއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިރޭ ސަން އަށް ވިދާޅުވީ ހުޅުމާލޭގައި ހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް އެ ކުންފުނިން ނިންމައި މާދަމާ އެކަން ގެޒެޓް ކުރެވޭނެ ކަމަށެވެ.
"އެޗްޑީސީން މިހާރު ނިންމާފައި ގެޒެޓް ކުރަން މާދަމާ ފޮނުވާނަން ހަ ބުރިއަށް ނެގޭ ގޮތަށް މިހާރު ހުރިހާ ގައިޑްލައިންސްތަކެއް ވެސް ބަދަލުކޮށްފައި މާދަމާ ވެބްސައިޓުގައި އާންމުކުރެވޭނެ،" ސައިމަން ވިދާޅުވިއެވެ.
އިމާރާތްތަކުގެ ފްލޯ ސްޕޭސް އިންޑެކްސް(އެފްއެސްއައި) ކުރިއަށްވުރެ ވަރަަށް ބޮޑުތަން ލުއިތައް ދެވިފައިވާނެ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ.
ހުޅުމާލޭގައި ހަ ބުރިއަށް އިމާރާތް ކުރުމަށް ހުއްދަދީފައިވާއިރު ހައުސިން މިނިސްޓްރީ އިން މިހާރު ވަނީ މާލޭގައި 20 ބުރިއަށް އިމާރާތްކުރުމަށް ހުއްދަދޭން ނިންމާފަ އެވެ.