28 Mar 2011, 13:11
މި މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމަށް އެރި ސުނާމީގައި ހާލުގައި ޖެހުނު ޖަޕާނު ރައްޔިތުންނަށް އެހީވުމަށް ބޭއްވި "ޖަޕާނާ އެކު ދިވެހިން" ޕްރޮގްރާމުން ލިބުނު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ދަޅު މަސް ގަނެ ޖަޕާނު ރައްޔިތުންނާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ބުނެފި އެވެ.
ވޭތުވެދިޔަ 140 އަހަރު ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ބިންހެލުމުގައި އުފެދުމުނު ސުނާމީ އާ ގުޅިގެން އެތައް ހާސް ބަޔަކު މަރުވެ ހާލުގައި ޖެހުނު ހިތާމަވެރި ހާދިސާގައި ދިވެހިން ބައިވެރިވުމުގެ ގޮތުން ރާއްޖޭގައި ފެށި "ޖަޕާނާ އެކު ދިވެހިން" އެ މަޝްރޫޢުގެ ސްޓިއަރިން ކޮމެޓީން ބުނީ މިހާތަނަށް އެ ޕްރޮގްރާމުން ލިބިފައިވާ ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޑޮލަރަށް ބަދަލު ކުރުމުގެ ބަދަލުގައި ނިންމާފައި ވަނީ އެ ފައިސާ ދަޅު މަހަށް ބަދަލުކޮށް، ހުރިހާ ދަޅުމަހެއް ޖަޕާނާ ހަވާލުކުރާ ގޮތަށް ކަމަށެވެ. އަދި ދަޅުމަސް ހަވާލުކުރުމުގެ ރަސްމިއްޔާތު ހަފްތާއެއްހާ ދުވަހުގެ ތެރޭ ބޭއްވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.
މާލެ ސިޓީގެ މޭޔަރު ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ"ކުރިން ވެސް އަޅުގަނޑުމެން ހަމަޖައްސާފައި ވާނީ ޑޮލަރުގެ ބަދަލުގައި މަސްދަޅު ފޮނުވާ ގޮތަށް،" ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ލިބުނު 7،459،856.31ރ. އާއި 118،131 ދަޅުމަސް ވަނީ ލިބިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްރީލަންކަން އެއާލައިން މެދުވެރިކޮށް ދަޅުމަސް ފޮނުވާނެ ނިޒާމެއް މިހާރު ދަނީ ހަމަޖެހެމުން ކަމަށާއި އެހާ ގިނަ ދަޅުމަސް ސްރީލަންކަން އެއާލައިން އިން ފޮނުވައިދޭ ކަމީ އަގުނުކުރެވޭ ފަދަ ބޮޑު ޚިދުމަތެއް ކަމަށެވެ.
ޖަޕާނަށް އެހީވުމަށް ލިބުނު ފައިސާ އިން ގާތްގަނޑަކަށް ހަ ލައްކަ އަށް ވުރެ ގިނަ ދަޅުމަސް ޖަޕާނަށް ފޮނުވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ލަފާކުރެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ޕްރޮގްރާމްގެ ދަށުން އެއްކޮށްފައިވާ ފައިސާ އާއި ދަޅުމަސް ހަވާލު ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބައެއް ފަރާތްތަކުން އެދިފައިވާތީ ބޭންކަށް ފައިސާ ޖަމާކުރުމާއި މަސްދަޅު ހަވާލު ކުރުމުގެ މުއްދަތު ވަނީ މިއަދުގެ މެންދުރު 12:00 ޖެހުމާ ހަމައަށް އިތުރު ކޮށްދީފަ ކަމަށެވެ. އަދި ގަޑިއަށް ފައިސާ ޖަމާނުކުރެވޭ ފަރާތްތަކުން ފައިސާ ހަވާލުކުރާ ގޮތަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް ސޮސައިޓީ އާ އެވެ.
ތިން ވަނަ އަށް ދުނިޔޭގެ އެންމެ ބޮޑު އިގްސާދެއް އޮންނަ ޖަޕާނަށް 8.9 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީގެ ބޮޑެތި ރާޅުތަކުގައި މަރުވެ އަދި ގެއްލިފައިވާ މީހުންގެ ޢަދަދު 26000 އަށްވުރެ އިތުރުވެފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޖަޕާން ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއް ބުނާގޮތުން އެ ހާދިސާގައި 9700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ 16500 އަށް ވުރެ މަތީގައެވެ. ނަމަވެސް އެ ޢަދަދު އަދިވެސް މަތިވުމުގެ ފުރުސަތު އެބައޮތްކަމަށް އެ ބަޔާން ބުނެއެވެ.
ޖަޕާނުގައި އުފައްދާ ފެނުންނާއި މޭވާ އާއި ތަރުކާރީން އިންސާނުންގެ ސިއްޙަތަށް ނުރައްކާތެރި މިންވަރަކަށް ރޭޑިއޭޝަންގެ އަސަރު ފެންނަމުންދާތީ ޖަޕާނުން ވަނީ އަވަށްޓެރި ޤައުމުތަކުން އެތަކެތި ގަތުމަށް ބޮޑެތި އޯޑަރުތަކެއް ދީފަ އެވެ.