11 Oct 2015, 18:27
އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭއެފްސީ ލައިސެންސް ކޯސްތަކުންނާއި ރިފްރެޝާ ކޯސްތަކުން ފީ ނެގުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމެޓީން ނިންމައިފި އެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާންގައިވާ ގޮތުން އޭއެފްސީ ސީ ލައިސަންސް ކޯހަށް ކޮންމެ ބައިވެރިއެއްގެ އަތުން ނަގަން ނިންމާފައި ވަނީ 3000 ރުފިޔާގެ ފީއެކެވެ. މި ކޯހުގެ މުއްދަތަކީ 13 ދުވަހެވެ.
އަދި 21 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އޭއެފްސީ ބީ ލައިސަންސް ކޯހަށް ކޮންމެ ބައިވެރިއެއްގެ އަތުން ނަގަން ނިންމާފައިވަނީ 5000 ރުފިޔާގެ ފީއެކެވެ.
އަދި 28 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އޭއެފްސީ އޭ ލައިސަންސް ކޯހަށް ކޮންމެ ބައިވެރިއެއްގެ އަތުން ނަގަން ނިންމާފައިވަނީ 7000 ރުފިޔާގެ ފީއެއް ކަމަށްވެސް އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރިފްރެޝާ ސީ ލައިސެންސް ގެ ކޯހުން ކޮންމެ ބައިވެރިއެއް އަތުން 1500 ރުފިޔާގެ ފީއެއް ނަގާއިރު ރިފްރެޝާ ބީ ލައިސެންސް ގެ ކޯހުން ނަގަނީ 2500 ރުފިޔާ އަދި ރިފްރެޝާ އޭ ލއިސެންސް ކޯހުން 3500 ރުފިޔާ ނެގުމަށް ވަނީ ހަމަ ޖައްސާފައެވެ.
އަންނަ މަހުން ފެށިގެން އެފްއޭއެމް އިން ފީނެގުމަށް ހަމަޖެއްސި ކަމުގައި ވިޔަސް ފީނަގަން ނިންމީ ކީއްވެ ކަމެއް އެފްއޭއެމް އިން ހާމަ އެއް ނުކުރެއެވެ.