މޯބައިލް ފޯނު މެދުވެރޮކޮށް ފައިސާގެ ގިނަ މުއާމަލާތްތައް ކުރެވޭ ހިދުމަތެއް ކަމަށްވާ 'މޮބައިލް މަނީ' ގެ ހިދުމަތް ރާއްޖެ އަށް ތައާރަފްކުރުމަށްޓަކައި 1.5 މިލިއަން ޕްރޮޖްކްޓެއް އުރީދޫ އިން ފަށައިފި އެވެ.

އެ ކުންފުނީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ހިދުމަތް ފެށުމުގެ ގޮތުން ޕައިލެޓް ޕޮރޮޖެކްޓެއް ފަށާފައިވާ ކަަމަށެވެ.

"މި ހިދުމަތް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރު ސްޕީޑްގައި ވަމުން އަޅުގަނޑުމެން މިދަނީ. އުއްމީދު ކުރަނީ 6 މަސްތެރޭ މި ޕްރޮޑެކްޓްގެ ހިދުމަތްދިނުން ހަގީގަތަކަށް ހެދޭނެ ކަމަށް" ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ވިކްރަމް ސިންހަ ވިދާޅުވީ އެ ހިދުމަތް ތައާރަފްކުރުމުން މޯބައިލް ފޯނު މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ފައިސާ ފޮނުވިދާނެ ކަމަށެެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެ މީހުންގެ ގައުމަށް ފައިސާ ފޮނުވުމަށް ވެސް، މޮބައިލް މަނީ، ބޭނުން ކުރެވިދާނެ ކަމަށް ވިކްރަމް ވިދާޅުވިއެވެ. އެހެން ނަަމަވެސް ހިދުމަތް ފަށާއިރު އެ ހުރިހާ ކަމެއް ނުހިމެނިދާނެ ކަަމަށާއި އެހެންނަމަވެސް ހިދުމަތް ފުޅާކުރަމުން ގެންދާނެ ކަމަށް ވިކްރަމް ވިދާޅުވިއެވެ.

"މާލޭގައި ހުންނަ މީހަކަށް ވަރަށް ފަސޭހައިން އައްޑޫގައި ހުންނަ މީހަކަށް ފައިސާ ފޮނުވޭނެ" ވިކްރަމް ވިދާޅުވިއެވެ.

ރާއްޖެ ފަދަ ޓެކްނޮލީޖީ އަށް ފަރިތަ ބަޔަކު ދިރިއުޅޭ ގައުމެްއްގައި މިއީ ވަރަށް ކާމިޔާބު ކަމާއިއެކު ދެވިދާނެ ހިދުމަތެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހިދުމަތް ދިނުމުގައި ޕޭމެންޓްގެ ސެކިއުރިޓީ އަށް ވަަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށެވެ.

"އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން ދެވިދާނެ މި ހިދުމަތުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއި މެދު،" ވިކްރަމް ވިދާޅުވިއެވެ.

އަދި އެ ހިދުމަތް ކުރިއަށްދާނެ ގޮތުގެ ތަފްސީލީ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ދެއްވާނެ ކަަމަށް ވިދާޅުވެ، ވިކްރަމް ވިދާޅުވީ މިހާރު ވެސް ބޭންކްތަކާއި ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"ކޮންމެ ވެސް ބޭންކެއްގައި އަޅުގަނޑުމެން އެކައުންޓެއް ހުޅުވާނަން އަދި 'ވާޗުއަލް މަނީ' ގޮތުގައި ހުންނަ ވަރު އަބަދުވެސް އެ އެކައުންޓްގައި ހުންނާނެ. އެއްވެސް މީހަކަށް ފައިސާ ނުގެއްލޭ ގޮތަށް،" ވިކްރަމް ވިދާޅުވިއެވެ.

އުރީދޫ ގްރޫޕުން ވަނީ ގަތަރު، ޓިއުނޭޝިއާ އަދި އިންޑޮނޭޝިއާގައި އެ ހިދުމަތް ތައާރަފްކޮށްފަ އެވެ. އަދި އެ ގައުމުތަކުގައި އެ ހިދުމަތަށް ރަނގަޅު ސަޕޯޓެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހިދުމަތް ތައާތަފްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ލިބިފައިވާ ކަމަށް ވިކްރަމް ވިދާޅުވިއެވެ.