11 Oct 2015, 16:50
އަންހެން ކުދިންނަށް ތައުލީމީ ގޮތުންނާއި ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދިޔުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އިސްލާހު ކުރުމަށް ދައުލަތުންނާއި މަދަނީ މުޖުތަމައުން ހޮތްވަރު ދޭން ޖެހޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗުއާރުސީއެމް) އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންހެން ކުދިންނަކީ ތައުލީމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޅައުމުރުގައި ކައިވެނި ކުރުވުން ހުއްޓުވުމާއި އަންހެން ކުދިންނަށް ސާނަވީ އަދި މަތޫ ސާނަވީ ތައުލީމުގެ ފުރުސަތުތަކަކީ ހޯދައި ދޭން ޖެހޭ ކަންތައްތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ފުރާވަރު އުމުރުގެ އަންހެން ކުދިންގެ ސިއްހީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އުމުރާ ގުޅިގެން އަންނަ ޖިސްމާނީ ބަދަލުތަކާއި ނަފްސާނީ ބަލިތަކާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ހަރަކާތްތައް ހިންގަން ޖެހޭނެ ކަމަށެވެ.
އެގޮތަށް ކަންތައް ކުރުމުގެ ސަބަބަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް އަންހެނުންގެ ދައުރު ވެސް ހިމެނޭތީ ކަމަށް އެޗުއާރުސީއެމް އިން ބުންޏެވެ.
މިއަދުގެ ކުޑަކުދިންނަކީ 2030ގައި ފުރާވަރުގެ އަންހެން ކުދިން ނުވަތަ އަންހެނުންގެ ގޮތުގައި ތިބޭ ބަޔަކަށް ވާތީ މިހާރުގެ އަންހެން ކުދިންނަށް ބޮޑަށް ސަމާލުކަންދީ އެކުދިން ގާބިލު ބަޔަކަށް ހަދަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކުދިންނަށް ސަމާލުކަން ދީގެން ނޫނީ ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ 2030 ގެ ތަސައްވަރު ހާސިލު ނުކުރެވޭނެ ކަމަށްވެސް އެޗުއާރުސީއެމް އިން ބުންޏެވެ.
މި އަހަރުގެ ޝިއާރަކީ 2030 ގެ ތަސައްވުރަށް ފުރާވަރުގެ ގާބިލު އަންހެން ކުދިންތަކެއް ބިނާ ކުރުމެވެ.