ރާއްޖެ ޓީވީގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ އަހަރު ފަހުން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށެވެ. އޭނާގެ އަތުގެ ބައެއް އަނދާފައިވާކަން ފުލުހުންގެ ތަހުގީގުން ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން އަނދާފައިވާ ކަމުގެ ނިޝާންތައް އޭނާގެ ކަނާތުން ފެންނަން ހުއްޓެވެ.

އެ މައްސަލާގައި އެންމެ މީހެއްގެ މައްޗަށް ދައުވާ އުފުލިނަމަވެސް، ޖުމްލަ ނުވަ މީހެއްގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ފަތިހު 4:42 އެހާކަންހާއިރު ހުޅުޖެހުމުގެ ސަބަބުން އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.