11 Oct 2015, 16:33
ހއ. ހޯރަފުށީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ރޭ ރޯކޮށްލައި ތަކެއްޗަށް ގެއްލުންދިން މައްސަލަ އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފައި ވަނީ ތަކެއްޗަށް ގެއްލުން ދިނުމާއި ހުޅުޖެހުން ފަދަ ނާތަހުޒީބު އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށެވެ.
ފުރިހަމަ ޑިމޮކްރަސީއެއް ބިނާކުރުމަށްޓަކައި ސިޔާސީ ހަރަކާތްތައް އަމާން އޮމާން ކަމާއި އެކު ކުރިއަށްގެންދަން ޖެހޭ ކަމަށްވެސް އިލެކްޝަންސްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އަނެކާގެ ހައްގަށް ހުރަސްއެޅޭފަދަ ގޮތަކަށް އަމަލުތައްބަހައްޓައިގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ހއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު 'ސަން' އަށް ވިދާޅުވީ އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ރޭގެ ވަގުތެއްގައި ރޯކޮށްލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"ތަނުގައި ޓީވީ ވެސް ހުރީ ހަމަ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި، އެތާ ހުރި ގުދަނަށް ވެސް ހުރީ ގެއްލުންދީފައި،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ފުލުހުން ބުނީ ހޯރަފުށީ އެމްޑީޕީ ހަރުގޭގައި އަލިފާން ރޯވެގެން ރޭ 1:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި 10 ވަރަކަށް މިނިޓް ތެރޭ އަލިފާން އެއްކޮށް ނިވާލާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާން ރޯވުމުގެ ސަބަބުން ހަރުގޭގައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެކަމެއް އަދި ބުނަން ނޭނގޭ ކަމަށާއި މިހާރު އެކަން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.