ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ކޮމިޝަނާ އޮފް ޕުރިޒަންސުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބުރާހިމް ރިފުއަތު ސޮއިކުރައްވައި ކޮމިޝަނާ އޮފް ޕުރިޒަންސް މުހައްމަދު ހުޝާމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދައި މަޝްވަރާކޮށް އަދި ބައްދަލުކުރުމުގެ ފުރުސަތު ލިބިދިނުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުކޮށް ހުއްދަ ނުދެނީ ގާނޫނީ ގޮތުން އެކަމަށް އެއްވެސް ހުއްޖަތެއް ދެއްކުމާ ނުލައި ކަމަށެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގު ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގަތުމަކީ ގާނޫނު އަސާސީ އިން ކޮންމެ މީހަކަށްމެ ދައުލަތުން މަގުފަހު ކޮށްދިނުން ލާޒިމުކޮށްފައިވާ އަސާސީ ހައްގަކަށް އުނިކަން ދިނުން ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ގާނޫނީ ވަކީލެއްގެ އެހީ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހި ދައުލަތުގެ މައްޗަށް ވާޖިބު ވެގެންވާ ކަމަކަށްވާހިނދު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމަކީ ދައުލަތުގެ މައްޗަށް ގާނޫނޫ އަސާސީން މަތިކޮށްފައިވާ ދުސްތޫރީ ޒިންމާ އަދާކުރަން ޖެހޭ އަދާކުރުމުން ހުދު ދިވެހި ސަރުކާރު ހިލާފުވުމެވެ،" ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި އެދިފައި ވަނީ ޓެރަރިޒަމުގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު އެއްވެސް ތަފާތުކުރުމެއް ނެތި ނަޝީދަށް ފަހިކޮށް ދިނުމަށެވެ. އަދި މިއަދާ ހަމައަށް ނަޝީދާއި އޭނާގެ ވަކީލުންނާ ބައްދަލުކުރެއްވުމަށް ހުރަސް އަޅަމުން ގޮސްފައިވާ ސަބަބު ސާފުކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.