11 Oct 2015, 15:50
ތެހެރާން (އޮކްޓޯބަރ 11) : އީރާނުން ދުރުރާސްތާގެ އައުޖީލެއްގެ ބެލަސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފި އެވެ.
މިއީ 3 ހާސް ކިލޯ މީޓަރުގެ ރާސްތާއެއްގެ މިސައިލެއްކަމަށާ މިއީ ބިމުން ބިމަށް ފޮނުވާ މިސައިލެއްކަމަށް އީރާނުގެ ދިފާއީ ވަޒީރު ހުސައިން ދަހްގާން ވިދާޅުވި އެވެ. "އިމާދު" ގެ ނަމުންނަންދީފައިވާ މިމިސައިލަކީ އީރާނުން މިހާތަނަށް އުފެއްދި އެންމެ ދުރުރާސްތާގެ މިސައިލްކަމަށް އެގައުމުގެ ރަސްމީ މީޑިއާ ބުނެ އެވެ. އީރާނުގެ ދިފާއީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި މިއީ ފަޒާއަށް ސެޓަލައިޓް ފޮނުވުމަށް ވެސް ބޭނުންކުރެވޭ ގޮތަށް އީރާނުގެ ޖައްވީ ސިނާއަތްތަކާ ބެހޭ އިދާރާ އިން ތައްޔާރުކުރި މިސައިލެކެވެ. އީރާނުން މިހާތަނަށް އުފައްދާފައިވާ އެންމެ ދުރުރާސްތާގެ މިސައިލްއަކީ ޝިހާބު 3 އެވެ.
މިއީ ދެހާސް ހަތްސަތޭކަ ކިލޯ މީޓަރުގެ ރަސްތާގެ މިސައިލެކެވެ. ޝިހާބު މަރުކާގެ މިސައިލާ މި އައު މަރުކާގެ މިސައިލްގެ ތަފާތަކީ އައު މަރުކާގެ މިސައިލް އޭގެ އަމާޒަށް ވާސިލް ކުރުމަށްޓަކައި އެންމެ ފަހުވަގުތާޖެހެންދެންވެސް އެމިސައިލްގެ އަމާޒު ރިމޯޓްކޮށް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އޭގައި ހިމެނިފައިވުމެވެ. ޝިހާބު މަރުކާގެ މިސައިލަކީ އެމިސައިލް އުދުއްސާލުމަށްފަހު އިތުރަށް ކޮންޓްރޯލް އޮންނަ އެއްޗެއްނޫނެވެ. އެހެންކަމުން އަމާޒަށް ވާސިލް ވުމުގެ ގާބިލްކަން އަލަށް އުފައްދި "އިމާދު" މަރުކާގެ މިސައިލަށް މާބޮޑަށް ލިބިގެންވާކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
އީރާނުގެ ދިފާއީ ވަޒީރު ހުސައިން ދަހްގާން ވަނީ އީރާނަކީ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ލިބިގެންވާ ގައުމަކަށްވާތީ އީރާނުގެ އަމިއްލަ ދިފާއަށް އައު ޓެކްނޮލޮޖީގެ މިސައިލްތައް ތަރައްގީ ކުރުމަށް ޓަކައި އެއްވެސް ގައުމެއް ނޫނީ ބައިނަލްއަގްވާމީ މުއައްސަސާއެއް ރުއްސަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އީރާނުން އައުޓެކްނޮލޮޖީގެ ހަތިޔާރުތައް އުފެއްދުމަކީ އެގައުމުގެ ދުޝްމަނުންކަމަށްވާ އެމެރިކާ އާއި އިސްރާއީލާ އަދި ސަރަހައްދީ ވާދަވެރިން ކަމަށްވާ ސައޫދީ އަރަބިޔާ އާއި ޔޫއޭއީ ފަދަ ގައުމުތައް ކަންބޮޑުވާކަމެއްކަން އެގައުމުތަކުން ވަނީ ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)