11 Oct 2015, 15:58
ތުރުކީގެ އަންކާރާގައި ކުރިއަށް ދިޔަ ސުލްޙައިގެ އެއްވުމަކަށް ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި އެ ގައުމުގެ ރައީސް ރެޖެއްޕް ތަޔިއްޕް އެރެޑުއާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި، ތުރުކީގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔެ އަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދު ވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި މިކަމުގައި ތުރުކީއާއި ބައިނަލްއަގްވާމީ ދުނިޔެއާ އެކު ރާއްޖެ އިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.