ރާއްޖޭގެ ޑިމޮކްރެސީ އާއި ގާނޫނުތައް ނެގެހެއްޓުމަށް މި ސަރުކާރުން އަބަދު ވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިހަށް އިންޑިޔާގެ މިނިސްޓަރު އޮފް އެކްސްޓަރނަލް އެފެއާޒް، ސުޝްމާ ސްވަރާޖް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބާރުފޯރުވުމަށް ބައިނަލްއަގްވާމީ ބައެއް ޖަމްޢިއްޔާތަކުން މަސައްކަތްކުރާކަން ފާހަގަ ކުރައްވައި، އެފަދަ ޢަމަލުތަކަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި، އެ ގައުމެއްގެ އަމިއްލަ އުސޫލުތަކަށާއި ސިޔާދަތަށް އެހެން ގައުމުތަކުން އިޙްތިރާމް ކުރަންޖެހޭނެ ކަމަށާއި، ޑިމޮކްރެސީގެ އުސޫލުތަކާ އެއްގޮތަށް ގައުމު ހިންގުމުގެ އަމިއްލަ އިޚްތިޔާރު ކޮންމެ ގައުމަކަށް ވެސް ލިބެންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދެކުނު އޭޝިޔާ ސަރަޙައްދުގެ ވަކިވަކި ގައުމުތަކުގެ އެތެރޭގެ ހަމަޖެހުން އެހެން ހުރިހާ ގައުމަކަށް ވެސް ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަވަށްޓެރި ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ރާއްޖެއަށް ވަރަށް މުހިންމު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކުގައާއި ބައިނަލްއަގްވާމީ މައިދާނުގައި އިންޑިޔާ އިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޓަކައި ވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ދޭތެރޭ ގާއިމްވެފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޚިޔާލު ބަދަލުކުރެއްވި ކަމަށް ވެސް ރައީސް

އިންޑިޔާގެ އެކްސްޓަނަލް އެފެއާޒް، މިނިސްޓަރު ސުޝްމާ ސްވަރާޖް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗްކޮޅުގައި ހިނގި ހިތާމަވެރި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ލޯންޗްކޮޅުގައި ދަތުރުކުރެއްވި ބައެއް އެހެން ބޭފުޅުން ޒަޚަމްވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، މިކަމުގައި އިންޑިޔާގެ ފަރާތުން އެއްވެސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވެންއޮތްތޯ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި އެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަރުކާރަށް އިންޑިޔާ އިން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް، މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އިންޑިޔާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވި އެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދަކީ އަމާން، ރައްކާތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި އިންޑިއާ އިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމުގައި ވިދާޅުވި އެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަ ޙައްލުކުރަމަށް ހުރިހާ ޤައުމުތަކުން އެކުގައި ތެދުވެ، ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.