11 Oct 2015, 14:20
އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ނަމުގައި މިފަހަކަށް އައިސް ފޮނުވަމުންދާ އެސްއެމްއެސް ތަކަކީ އަސްލެއް ހަގީގަތެއް އެކުލެވިގެންވާ އެއްޗެއް ނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އެސްއެމްއެސްތަކަކީ، އެ ޕާޓީގެ ލީޑަރު ސިޔާމްގެ ރަސްމީ މޮބައިލް ނަންބަރު އެހެން މޮބައިލްތަކަށް ޑިސްޕްލޭވާގޮތަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
"އެމްޑީއޭގެ ލީޑަރުގެ މޮބައިލް ނަންބަރު ޑިސްޕްލޭވާގޮތަށް މި ފަތުރަމުންދާ މެސެޖުތަކަކީ މިއަދުގެ ހާލަތު ބޭނުންކޮށްގެން ސިޔާސީ މަގުސަދުތައް ހާސިލުކުރުމުގެ ނަމުގައި ގައުމަށް، ރައްޔިތުންނަށް އިޙްތިރާމެއް، ކުލުނެއް ނެތް ޖާހިލު ބަޔަކު ރާވައިގެން ހިންގަމުންދާ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމުގައިވާތީ މި ޕާޓީން މިކަން ހިޔަހާސް ފަށުން ކުށްވެރިކުރަމެވެ." އެމްޑީއޭގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ އެމްޑީއޭގެ ލީޑަރާއި ގައުމީ ހިންގާ ކައުންސިލާއި އެ ޕާޓީގެ އެންމެހައި މެމްބަރުން ތިބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ހިމާޔަތްކޮށް ނެގެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ވަރުބަލިކަމެއް ނެތި ކުރުމަށް ތައްޔާރަށް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ކުޑަވެސް ލޮޅުމެއް އަރާފަދަ ކަމެއް ކުރިމަތިވާނަމަ މާތްﷲގެ ތަނަވަސް ރަހުމަތާއެކު ލީޑަރުގެ ލަފަޔާ މަޝްވަރާގެ މަތިން އެކަމާ ދެކޮޅަށް ކުރެވެން ހުރި ކަންކަން ނުކޮށް އެ ޕާޓީން ދޫކޮށްނުލާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މިދަނޑިވަޅުގައި ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް މިޕާޓީން އަރުވަން އެދޭ އެންމެ ހެޔޮނަސޭހަތަކީ އެމްޑީއޭގެ ލީޑަރު ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކުރިމަގެއް، އަސާސެއް ނެތް ބަޔަކު ކުރަމުންގެންދާ ދަށުދަރަޖައިގެ ފިނޑި އަމަލުތަކަށް ބެލުމެއް ނެތި ވަރަށް ސާބިތުކަންމަތީގައި ކެރިވަޑައިގެން ކަމުގައި ދަންނަވަމެވެ،" އެމްޑީއޭގެ ބަޔާނުގައި ވެއެވެ.
ސިޔާމްގެ ނަމުގައި ހަގީގަތާ ޚިލާފު އެސްއެމްއެސްތަކެއް ފޮނުވަމުންދާއިރު، ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި ވެސް އެފަދަ އެސްއެމްއެސްތަކެއް އަންނަނީ ފޮނުވަމުންނެވެ.