ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުގެ ވައިގެ ސިފައިން މިއަދު ބޮންއަޅައި މާބަނޑު އަންހެނަކާއި ތިން އަހަރުގެ ކުޑަ ކުއްޖަކު މަރާލައިފިއެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލް ޖަޒީރާ ބުނީ، އުމުރުން 30 އަހަރުގެ ނޫރު ޙަސަންއާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ޝަހުދު މަރުވީ އެމީހުން ދިރިއުޅުނު ގޭގެ ކައިރީގައިވާ ހަމާސްގެ އަސްކަރީ މަރުކަޒަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ. އެ ހަމަލާގައި ގެ ވެއްޓުމުގެ ސަބަބުން ނޫރުއާއި އޭނާގެ ދަރިފުޅު މަރުވި އިރު އިތުރު ތިން މީހަކު ވަނީ ޒަހަމްވެސް ވެފައެވެ.

އިސްރާއީލުން ބުނެފައި ވަނީ އެ ހަމަލާ ދިނީ، ޣައްޒާއިން އިސްރާއީލުގެ ދެކުނަށް ރޮކެޓެއް ފޮނުވާލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި އިސްރާއީލުގެ ރޮކެޓް ޑިފެންސް ސިސްޓަމް 'އަޔަން ޑޯމް' ބޭނުންކޮށްގެން އެ ރޮކެޓް ހުއްޓުވި ކަމަށް ވެސް ވަނީ ބުނެފައެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ އުދުވާން ތަކުގައި އިއްޔެ ވެސް ވަނީ ހުޅަނގު އައްސޭރީގައި ފުރާވަރުގެ އުމުރުގެ ދެކުދިންނާއި އަށް މީހުން މަރާލާފައެވެ.