ދުނިޔޭގެ އެކި ގައުމުތަކުން ނުވަ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ފޯރަމެއް މިމަހުގެ ފަހުކޮޅު ރާއްޖޭގައި ބާއްވާ މަދަނީ ދެ ޖަމިއްޔާއަކުން ތައްޔާރުވެއްޖެ އެވެ.

"އިލްމް ޓޯކް 2015"ގެ ނަމުގައި ބާއްވާ އެ ފޯރަމް އިންތިޒާމްކުރީ ޖަމިއްޔަތުއް ރަޙުމާ ނަމަކަށް ކިޔާ ޖަމިއްޔާއަކާއި މޯލްޑިވިއަން ޔޫތު ލީގް ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ.

'އުއްމަތުގެ ކުރިމަގުގައި ޒުވާނުންގެ ދައުރު'( ރޯލް އޮފް ދަ ޔޫތު އިން ދަ ފިއުޗަރް އޮފް އުއްމާ) މި މައުޟޫޢަށް ވާހަކަ ދެއްކެވުމަށް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުންޒިރު އިލްހާމާއި ސަޢުދީ ޢަރަބިއްޔާގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުސްފިރު ބިން ޢަލީއާއި ޕްރޮފެސަރު ޢަބުދުލްމުޙުސިން ޒިކްރީއާއި އުސްތާޒް އިމްރާން އަރަކަންލުއާއި ޣާޒީ ބިން ޢަލީ އަލް ޣާމިދީއާއި ފަލަސްތީނުގެ މުހާނާ ނާޖިމްއާއި ލީބިޔާގެ ޑރ. ނަދީރު އެމް ޣަޒާލް އާއި ގަތަރުގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުޙައްމަދު ޢަބުދުއް ރަޙުމާން އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު އަލީ ސައީދެވެ.

ފޯރަމްގެ އިންތިޒާމް މެނޭޖަރު ޢަބުދުﷲ ޝަފީޢު ވިދާޅުވީ އެ ފޯރަމް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންގެ މައްސަލަ ތަކަށް އެޑްރެސް ކުރާނެ ހޭލުންތެރި ޒުވާނުން އުފެއްދުމާއި ދީނީ އެކި ކަންކަމާއި މެދު ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައި ދިނުން ކަމަށެވެ.

ފޯރަމް އަޑު އެހުމަށް ވަނުމަށް ޓަކައި ނަންނޯޓް ކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ނަންނޯޓް ކުރުމަށް ގުޅާނީ 9991033 އާއި 9521152 އަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.