11 Oct 2015, 13:39
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ސީޕީ ހުސައިން ވަހީދާ ބައްދަލުކުރެއްވީ މިއަދު މެންދުރު 12:15 އެހާކަންހާއިރު ޝަހީދު ހުސައިން އާދަމް ބިލްޑިންގަ އެވެ.
އެހެންނަމަވެސް ރައީސް ސީޕީއާ ބައްދަލުކުރެއްވީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ ސީޕީ ހުސައިން ވަހީދާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ސަން އަށް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
ސީޕީ ހުސައިން ވަހީދު ސަން އަށް ވިދާޅުވީ އެކިކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމީން އަބަދު ވެސް އޭނައާ ބައްދަލުކުރައްވާ ކަމަށެވެ.
މިއަދު ރައީސް ބައްދަލުކުރެއްވިތޯ ދެންނެވުމުން ހުސައިން ވަހީދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ.