އައިޖީއެމްއެޗްގެ ވޯޑަށް ނުވަދެވިގެން މީހަކު އެ ހޮސްޕިޓަލުގެ ދޮރެއްގެ ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ރޭ 12:00 ޖަހާކަންހާއިރު މީހަކު، އެ ހޮސްޕިޓަލުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައި ފުނޑުފުނޑުކޮށްލީ އެ މީހާ ވޯޑަށް ވަންނަން ގޮސް ލޭބާ ރޫމާއި ވޯޑާއި ދޭތެރޭ ހުރި ދޮރަކުން ވަންނަން މަސައްކަތް ކުރުމުން، އެދޮރުން ނުވަދެވޭނެ ކަމަށް ބުނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ވެސް އިއުލާންކޮށްފައި ވާނީ މިހާރު ވޯޑަށް ވަދެވޭނީ ކެންޓީނާވީ ފަޅީގައި ހުރި ދޮރުންނޭ،" ޒީނަތު ވިދާޅުވި އެވެ.

ޒިނާތު ވިދާޅުވީ އެ މީހާ ތަޅާލާފައި ވަނީ ލޭބާ ރޫމާ ވީ ފަޅިން ވޯޑަށް ވަދެވޭ ގޮތަށް ހުރި ދޮރުގައި ސެކިއުރިޓީން ތަޅު އަޅުވާފައި ހުރި ދޮރެއްގެ ބިއްލޫރިގަނޑު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ނަމަވެސް އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.