11 Oct 2015, 13:36
ރާއްޖެ އާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ދެ މެމަރޮންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރުމުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އިންޑިއާގެ ވަފުދުގައި އިސްކޮށް ހުންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްއާ އެވެ.
މިއަދު ދެ ގައުން ސޮއި ކުރި ދެ އެމްއޯޔޫއަކީ ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް އެހީތެރިވުމާ ބެހޭ އެއްބަސްވުމަކާއި އަދި ފޮރިން މިނިސްޓްރީގައި އޮންނަ ފޮރިން އިންސްޓިއުޓަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް ކަމަށް ސަން އާ ވާހަކަ ދެއްކެވި ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ރާއްޖެ އާއި އިންޑިއާ އިން ގާއިމުކޮށްފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި މިއަދު މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާއި ދެ ގައުމުގެ ދެމެދުގައި ކަނެކްޓިވްޓީ އިތުރަށް ރަނގަޅު ކުރުމާއި ތައުލީމާއި ސިއްހަތާއި އަދި ހެރިޓޭޖުގެ ދާއިރާ އިން ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުގެ އިތުރަށް ތިމާވެއްޓާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ އިތުރަށް އަންނަ އަހަރު އިންޑިއާގައި ރާއްޖޭގެ އިންވެސްޓް ފޯރަމެއް ބޭއްވުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ގާއިމުކޮށްފައިވާ ޖޮއިންޓް ކޮމިޝަން އުފެއްދީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް 1986 ވަނަ އަހަރު އެވެ.