މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖާ ވާހަކަފުޅު ދެއްކެވުމަށް ރައީސް ޔާމީނު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގެން ރައީސް ޔާމީނާއި ސުޝްމާ ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ރާޖީވް ޝަހާރޭއާއި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙުމަދު މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހަށް ވަޑައިގަންނަވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސުޝްމާ ސުވަރާޖް ސޮއިކުރެއްވިއެވެ.

ސުޝްމާ އިއްޔެ ރާއްޖެވަޑައިގަތީ ރާއްޖެއާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށެވެ.

މިއީ އެ ކޮމިޝަނުގެ ފަސްވަނަ ބައްދަލުވުމެވެ. އެހެންނަމަވެސް ޖޮއިންޓް ކޮމިޝަނުގައި މަޝްވަރާކުރެވޭނެ ކަންތައްތަކެއް ރަސްމީކޮށް އެއްވެސް ގައުމަކުން ބުނެފައެއް ނުވެ އެވެ. އެ ކޮމިޝަނުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް ރައީސް އޮފީހަށް މިއަދު ވަޑައިގެންނެވުމުން ރައީސް ޔާމީނު އޭނާއަށް މަރުހަވާ ވިދާޅުވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މިނިސްޓްރީން ނެރެފަައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާ ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ދައުވަތަކަށް ކަަމަށެވެ.

ސުޝްމާ ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެއަށް ވަޑައިގެން ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ.