11 Oct 2015, 11:32
ސިންގަޕޫރު އެއާލައިންގެ އެއާބަސް މަރުކާގެ އޭ - 330 300 ބޯޓެއްގެ ނޯސް ގިއަރު ބިންދައިގެންގޮސް ޗަންގީ އެއާޕޮޓަށް މިއަދު ހެނދުނު ވެއްޓިއްޖެ އެވެ.
ސިންގަޕޫރު އެއާލައިނުން ޗެނަލް ނިއުސް އޭޝިއާއަށް ކަށަވަރުކޮށްދީފައިވާ ގޮތުން ބޯޓު ވެއްޓުނުވަގުތު އޭގައި އެއްވެސް ފަސިންޖަރެއް ވެސް އަދި ކުރޫ މެމްބަރެއް ވެސް ނެތެވެ.
އެވަގުތު ބޯޓުގައި އިނީ އެންމެ އިންޖިނިއަރެއް ކަމަށާއި އޭނާއަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސިންގަޕޫރުއެއާލައިނުން ވަނީ ބުނެފަ އެެވެ.

ސިންގަޕޫރު އެއާލައިންގެ އެއާބަސް މަރުކާގެ އޭ - 330 300 ބޯޓު ވެއްޓިފައި -- ފޮޓޯ -- ޗެނަލްނިއުސްއޭޝިއާ
އެއާބަސް މަރުކާގެ އޭ - 330 300 އެންމެ ފަހުން ދަތުރުކޮށްފައި ވަނީ ރޭ 12:49 އެހާކަންހާ އިރު ޝަންހާއީ އިން ފުރައިގެން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށެވެ. އަދި ދެވަނަ ދަތުރުކުރުމަށް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު ހޮންކޮންގަށް ކަމަށް ވެސް ސިންގަޕޫރު އެއާލައިނުން ބުންޏެވެ.
ބޯޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ބުނަން އަދި ނޭނގޭ ކަމަށް ސިންގަޕޫރު އެއާލައިނުން ވަނީ ބުނެފަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގުކުރަމުން ދާކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

ސިންގަޕޫރު އެއާލައިންގެ އެއާބަސް މަރުކާގެ އޭ - 330 300 ބޯޓު ވެއްޓިފައި -- ފޮޓޯ -- ޗެނަލްނިއުސްއޭޝިއާ
ބައެއް ފަރާތްތަކުން މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ބޯޓުގެ ކުރީކޮޅުން ނޯސް ގިއަރު ބިންދައިގެންގޮސް ބޯޓުވަނީ ކުރީކޮޅަށް އަރިވެފަ އެވެ.